ޚަބަރު

އިތުރު 3 އެއަރޕޯޓަކަށް ރޭގަނޑު ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަނީ


ރީޖަނަލްސް އެއަރޕޯޓްސްއިން ހިންގަމުން އަންނަ 3 އެއަރޕޯޓަކަށް ރޭގަނޑު ދަތުރުތައް ބޭއްވޭނެ ގޮތް ހަމަޖެއްސުމަށް ބޭނުންވާ އެއަރފީލްޑް ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއްޖެއެވެ.

އެގޮތުން 1 އެއަރޕޯޓްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، 2 އެއަރޕޯޓެއްގައި ލައިޓްޖެހުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.

އަތޮޅުތަކުގެ އެއަރޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އުފައްދަވާ ކުންފުނީގެ ޚިދުމަތްތައް ފެށީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ. މިވަގުތު އެ ކުންފުނިން އަންނަނީ އަތޮޅުތަކުގެ 12 އެއަރޕޯޓްގެ ތެރެއިން 6 އެއަރޕޯޓެއް ހިންގުމާއި ހަވާލުވެ އެ މަސައްކަތްތައް ކުރަމުންނެވެ.

ވައިގެ ދަތުރުފަތުރުގެތެރެއިން އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ، ފްލައިޓް ދަތުރުތައް މަދުވުމެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ފަހުން ތަރައްޤީކޮށް ޚިދުމަތް ފެށި ގިނަ އެއަރޕޯޓްތަކަކީ ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެހިފައި ނެތް އެއަރޕޯޓްތަކަށްވުމެވެ.

ނަމަވެސް މިކަން ޙައްލުކޮށް، އެ އެއަރޕޯޓްތަކަކީވެސް ރޭގަނޑު ދަތުކުރެވޭނެ އެއަރޕޯޓްތަކަށް ހެދުމުގެ މަސައްކަތް ރީޖަނަލް އެއަރޕޯޓްސްއިން ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރ ސައުދުﷲ އަޙުމަދު ވިދާޅުވީ، އެކުންފުނިން ހިންގަމުން އަންނަ 3 އެއަރޕޯޓެއްގައި ފްލައިޓް ނެވިގޭޝަން ލައިޓް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

"ކުޅުދުއްފުށީ އެއަރޕޯޓްގައި ލައިޓް ޖެހުމަށް ހަވާލުކޮށްފައިވަނީ. އަދި ހޯރަފުއްޓާ މާވަރުލު އެއަރޕޯޓްގައި ލައިޓް ހަރުކުރަން ކުރަންޖެހޭ މަސައްކަތް ދަނީ ކުރިއަށް. މަޑިވަރު އެއަރޕޯޓްވެސް ހަވާލުވުމުން، އެ އެއަރޕޯޓަކީވެސް ރޭގަނޑު ދަތުރުކުރެވޭ އެއަރޕޯޓަކަށް ހަދާނަން" ސައުދުﷲ ވިދާޅުވިއެވެ.

ހޯރަފުއްޓާ މާވަރުލު އެއަރޕޯޓްގައި އެއަރފީލްޑް ލައިޓް ހަރުކުރުމާއި، "ނެވި އެއިޑް" ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރުވަނީ ބީލަމަށް ހުޅުވާލާފައެވެ. މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، އެކަމަށް އެދި ހުށައަޅަންވަނީ ހުޅުވާލާފައެވެ.

ފަތުރުވެރިކަން ފުޅާވުމާއި، ޗުއްޓީ ދުވަސްވަރު އަތޮޅުތަކަށް ދަތުރުކުރާ މީހުން އިތުރުވުމާއި ގުޅިގެން، ވައިގެ ދަތުރުގެ ޑިމާންޑް ރާއްޖޭގައި ވަރަށް ބޮޑެވެ. އެއަރޕޯޓްތަކަށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހުން ވެގެންދާނީ، ޓިކެޓް ނުލިބުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެ ކަމަކަށެވެ.