ޚަބަރު

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ނައިބު ރައީސް ކުޅުދުއްފުށި ސިޓީއަށް


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކުޅުދުއްފުށިސިޓީއަށާ ހދ. ނޮޅިވަރަމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީއަށް ވަޑައިގެން މިއަހަރުގެ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާޖަލްސާ ޝަރަފުވެރި ކޮށްދެއްވާނެއެވެ. އަދި ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ އެ ސިޓީގައި ބާއްވާ މައުރަޒު ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށްވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮގަސްޓްމަހުގެ 12 ވަނަ ދުވަހެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރެއްގެގޮތުގައި އދ. އިން ކަނޑައަޅާފައިވަނީ "އިންޓަރޖެނެރޭޝަނަލް ސޮލިޑޭރިޓީ" ނުވަތަ "ޖީލުތަކުގެ މެދުގައި އެއްބައިވަންތަކަން" މި ޝިއާރެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާވެސް ބައްދަލު ކުރައްވައި އަދި އެރަށު ސްކޫލާއި ޞިއްޙީ މަރުކަޒަށް އެމަނިކުފާނު ޒިޔާރަތްކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.