ޚަބަރު

"ފްރަންޓިއަރ" ޓެކްނޯލޮޖީތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފަންޖެހޭ: ޝައުނާ


ކާރިސާތަކުގެ ގޮންޖެހުންތައް ގައުމުތަކުގެ ސަރުކާރުތަކަށް ކުރިމަތިވަމުންދާއިރު، “ފްރަންޓިއަރ" ޓެކްނޯލޮޖީތައް ދިރާސާކޮށް އޭގެ ބޭނުން އެންމެ ފުރިހަމަގޮތެއްގައި ހިފަންވާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

“ފްރޮންޓިއަރ ޓެކްނޯލޮޖީ”އަކީ އާޓިފިޝަލް އިންޓެލިޖެންސް، އިންޓަރނެޓް އޮފް ތިންގްސް، އޮގްމެންޓެޑް/ވަރޗުއަލް ރިއަލިޓީ، ރޮބޮޓިކްސް، އޮޓޮނޮމަސް ވެހިކަލްސް، ސްޕޭސް، ޑިޖިޓަލް ފައިސާ އަދި ޖެނޯމިކްސް ފަދަ ޓެކްނޯލޮޖިކަލް ޤާބިލުކަމާއި އެޑޮޕްޝަންގެ ބައުންޑަރީތަކަށް ބާރުއަޅާ އިންޑަސްޓްރީތައް ސިފަކުރުމަށް ބޭނުންކުރާ އިބާރާތެކެވެ.

މިފަދަ ޓެކްނޮލޮޖީގެ ސަބަބުން އިޤްތިސާދީ ސިނާއަތްތަކާއި، މުވާސަލާތީ ގުޅުންތައް އަލުން ބައްޓަންވެ، މޫސުމަށް އަންނަ ބަދަލުތައް ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބިގެންދެއެވެ.

މިފަދަ ޓެކްނޯލޮޖީތައް ތައާރަފްކުރުމުން، ގައުމަށް ހުރި ފުރުސަތުތަކާއި ހިރާސްތައް ދެނެގަތުމަށް ކުރިއަށްގެންދާ ބައްދަލުވުމުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގައި ގެނައުމަށްޓަކައި، ފްރޮންޓިއަރ ޓެކްނޮލޮޖީގެ އާ ޖީލުގެ ސިފަތަކާއި ދައުރު މިއަދު ދޫކޮށްލެވޭކަށް ނެތްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އުޖާލާ އިޤްތިސާދެއް ބިނާކުރާއިރު، ޓެކްނޯލޮޖީއަށް ހިއްވަރުދޭ، ބޭނުން ކުރާފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި، ގާނޫނީ އަދި ރެގިއުލޭޓްކުރުމަށް ހުރި ހިރާސްތަކާއި ގޮންޖެހުންތައް ދެނެގަނެ ފިޔަވަޅު އެޅުމުގެ މުހިންމުކަމަށެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް މަނިޓަރީ އޮތީރިޓީގެ ގަވަރުނަރު، ޢަލީ ހާޝިމް ދެއްކެވި ވާހަކަފުޅުގައި، ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް މާކެޓަށް އަންނަމުންދާއިރު، މާލީ ދާއިރާގެ އިތުރުން ހުރިހާ ސިނާއަތަކުންވެސް، ބާޒާރުގައި ހުރި ފުރުސަތުތައް ހޯދައި، އެ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ، ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރަން ޖެހިފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި އެމް.އެމް.އޭ އަކީ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކަށްވެފައި، އަދި މާލީ ބާޒާރުގެ ރެގިއުލޭޓަރުގެ ހައިސިއްޔަތުން މި ޓެކްނޯލޮޖީތަކުން ހާސިލްކުރަންބޭނުންވާ ކަމަކީ، ގައުމުގެ މާލީ ހަމަޖެހުމާއި ޖުމްލަގޮތެއްގައި އިޤްތިޞާދު ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ތެރެއިން ޒަމާނީ ވިސްނުންތަކެއް ގެންގުޅުންކަން ބަޔާންކުރެއްވިއެވެ.


“ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް އެކައުންޓް” ޕްރޮޖެކްޓްގެ ދަށުން ބޭއްވޭ މި މަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ މިހާރު ހުރި ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑުތަކުގެ ބޭރުން ވަކި އޮނިގަނޑެއްގައި ޓެކްނޯލޮޖީ ރެގިއުލޭޓްކޮށް ތަޖުރިބާކުރުމަށްޓަކައި ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރ ގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކުން 25 މުވައްޒަފުން ބައިވެރިވިއެވެ. ވަޑައިގެންނަވިއެވެ.

ޑިޖިޓަލް ޓެކްނޯލޮޖީ އަދި އައު އީޖާދުތައް ތައާރަފްކުރަމުންދާއިރު، ޚާއްސަކޮށް މާލީދާއިރާގައި ތައާރަފްވަމުންދާ ޑިޖިޓަލް ފައިސާފަދަ ޓެކްނޯލޮޖީތަކުގެ ފައިދާ ލިބުމުގައި، ގައުމުތަކުގައި މިހާރު ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ހެދިފައިވާގޮތުން، ގޮންޖެހުންތައް ކުރިމަތިވަމުންދާކަން އެންވަޔރަމަންޓް މިނިސްޓްރީން ފާހަގަކުރައްވައެވެ.