ޚަބަރު

އުފެއްދުންތެރިކަން ދަސްކޮށްދޭ ޢީޖާދީ މަރުކަޒު ހުޅުވައިފި


އުފެއްދުންތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާއިމުކުރާ ހަބް ސްކޫލްތަކުގެ ތެރެއިން، ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި ހުޅުވައިފިއެވެ.

ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި މި މަރުކަޒު ހުޅުވާދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ. މިއީ ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަން ދަސްކޮށްދިނުމަށްޓަކައި ހުޅުވި މަރުކަޒެކެވެ. މި މަރުކަޒަކީ ދިވެހިރާއްޖޭގެ ތައުލީމުގެ ގާނުނުގެ މާއްދާ 8ގެ ދަށުން އުފައްދާފައިވާ ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި ތަރައްގީ ކޮށްފައިވާ މަރުކަޒެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ފަންނުވެށީގެ ދަށުން 4 ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ކައްކާވަތި، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ނަލަވަތި، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓެކްވަތި، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ފަހާވަތި ހިމެނެއެވެ. . މީގެ އިތުރުންވެސް މުސްތަގްބަލުގައި އިތުރު ފަންނުތައް ދަސްކޮށްދިނުމުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ޤައުމީ މަންހަޖުގެ ތަސައްވަރަކީ ކޮންމެ ދަރިވަރަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުންކަމަށެވެ. މި އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފަންނުވެށި ވެގެންދާނީ ޤައުމީ މަންހަޖުގެ ތެރެއިން މި އަމާޒަށް ވާޞިލުވުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެއް ޙަރަކާތަށްކަމަށެވެ.

ވަކިން ޚާއްޞަކޮށް ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެ ދަރިވަރުންގެ މުސްތަޤުބަލް އުޖާލާކޮށްލަދޭނެ އަލިގަދަ ދަންމަރަކަށް ވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ގްރޭޑް 10 ފުރިހަމަކުރާއިރު ފަންނުވެށި މެދުވެރިކޮށް އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ލެވެލް 3 ގެ ސެޓްފިކެޓެއް ޙާޞިލް ކުރަން ފުރުޞަތު ލިބޭނެކަމަަށެވެ. އަދި ދަރިވަރުން ސްކޫލު ނިންމާއިރު، ދިރިއުޅުމަށް ބޭނުންވާނެ ހުނަރާއި ވަޒީފާގެ ފަހި ފުރުސަތު ތަނަވަސްވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“އާދެ! މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އަމާޒަކީ އދ. ގެ ގްލޯބަލް ތަޢުލީމީ ލަނޑުދަނޑީގެ ތެރެއިން ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލް 4 ގައި ހިމެނޭ ކަންކަން ފަންނުވެށީގެ ތެރޭގައި ހިމަނައިގެން އެކަންކަން ޙާޞިލުކުރެވޭނޭ މަގު ފަހިކުރުން.އަދި މި ހުނަރުތައް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި އިތުރު ޕްރޮގްރާމުތައް ފަރުމާކޮށް ތަޢާރަފް ކުރުން. އަޅުގަނޑުމެނަށް މިއަދު ލިބޭ އުފަލަކީ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ގޯލް 4 ގައި ހިމެނޭ ލަނދުދަނޑިތައް ދިވެހިރާއްޖޭގައި ފުރިހަމައަށް ޙާޞިލު ކުރެވެމުން އަންނަކަމުގެ އިޙުސާސް ކުރެވުން. އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދެން ދެކެން ބޭނުންވާ ދުވަހަކީ މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން މާދަމާ ދިވެހި މި ފަސްގަނޑުގައި ކާމިޔާބު ފަންނުވެރިންގެ ގޮތުގައި ތަފާތު ދާއިރާތަކުން ފެނިގެންދިއުން ކަމަށެވެ.

ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް 3ގެ ސަނަދާއިއެކު ދަސްވެނިވާނެ ދަރިވަރުނެވެ. އަދި މި ވެށީގައި އުނގެނޭ ދަރިވަރުންނަށް، މި ހުނަރާއި ފަންނު އިތުރަށް ތަރައްގީ ކުރުމަށްޓަކައި އަމަލީގޮތުންވެސް މަސައްކަތްކުރާނެ ފުރުސަތު ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނެވުނު މި އިންގިލާބީ ބަދަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، އިމާދުއްދީން ސްކޫލްގައެވެ. ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި ތަރައްގީ ކުރުމުގައި އެހީތެރިވަމުން އަންނަ އަމިއްލަ ފަރާތްތަކާއި ކުންފުނިތައްކަމަށްވާ އެޓްމޮސްފިއަރ ފައުންޑޭޝަން އަދި އީވް ގާމެންޓްސްގެ އެހީތެރިކަންވަނީ ލިބިފައެވެ.

މި ރަސްމިއްޔާތުގައި ވަނީ “ބިޔޯންޑް އިންކްލޫޝަން” ގެ ނަމުން ތައްޔާރުކޮށްފައިވާ ފޮތެއް ނެރެފައެވެ. މި ފޮތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީއެވެ.