ޚަބަރު

ރޯގާއާއި އާންމު ބަލިތައްޖެހޭ މީހުންގެ ޢަދަދު އިތުރުވަނީ


މިދިޔަ އަހަރާ އަޅާބާލާއިރު، މިއަހަރުގެ މި މިހާތަނަށް ރޯގާއާއި އާންމުބަލީގެ ގޮތުގައި ފެތުރެމުންދާ ބަލިތައް އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިގޮތުން ޑެންގީއާއި، އަރިދަފުސް ރޯގާއާއި ހޮޑުލާ ބޭރަށް ހިންގާ މީހުންގެ ނިސްބަތް މިިދޔައަހަރާ އަޅާބަލާއިރު އިތުރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޮންމެ އަހަރަކުވެސް ވިއްސާރަ ދުވަސްވަރު ޑެންގީހުން ޖެހޭ މިންވަރު ރާއްޖޭގައި އިތުރުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީހުން ޖެހިގެން ރިޕޯޓްކުރި ކޭސްތަކުގެ އަދަދު އިތުރުކަމަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު ޖޫން މަހަށްވުރެ ޖުލައި މަހު ރިޕޯޓުކުރި ކޭސްތައްވަނީ އިތުރުވެފައެވެ. ޖޫން މަހު ޑެންގީގެ 294 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް ޖުލައި މަހު 322 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ޖޫންމަހުގެ ފަހު ހަފްތާގައި 68 ކޭސް ރިޕޯޓް ކުރިއިރު ޖުލައި މަހުގެ ފަހު ހަފްތާގައި 88 މީހުން ޑެންގީ ހުން ޖެހިގެން ޑޮކްޓަރަށް ދައްކާފައިވެއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ކުރަންވީ ބައެއް ކަންކަން

ހަށިގަނޑު ރަނގަޅަށް ނިވާގޮތަށް ހެދުން އެޅުން
މަދިރި ލޯޝަން، ސްޕްރޭ، ރެޕެލެންޓް ބޭނުންކުރުން
ފަތިސްވަގުތާއި އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން (މަދިރި އިތުރުވާ ވަގުތެއް)
ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން (ގެއާއި ގޯތިތެރެ، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުންނަ ފެންހަރުލާ ޒާތުގެ ތަންތަން)

މަދިރި އާލާވުން މަދުކުރުމަށް ގޭތެރޭގައި ފެނުގައި ހައްދާގަސް، ތަށި ޓްރޭފަދަ ފެންހަރުލާ ތަންތަން ސާފުކުރުމާއި ގޯތިތެރޭގައި ހުންނަ ގަސްމުށި، ފެންތާނގީފަދަ ތަކެތި ސާފުކުރުން މުހިންމެވެ. އާންމު ތަންތަނަށް ހުސްފުޅިއާއި ދަޅުފަދަ ފެންހަރުލާ ތަކެއްޗާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާ ނުލުން ވަރަށް މުހިންމެވެ.

ބައްޔާމެދު ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި 03 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތްތައްކަމަށްވާ ކުޑަކަމުދެވޭ މިންވަރު މަދުވުމާއި އާދަޔާ ޚިލާފަށް ވަރުދެރަވުމާއި ބަނޑުގައި ރިއްސުންފަދަ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމެވެ.

ގޭގައި ދެވޭނެ ފަރުވާ


އަރާމުކުރުން. މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސް ވުމާއިއެކު ބަލި ފެތުރުމުން ރައްކާތެރިކޮށްދޭ
ގިނަގިނައިން ދިޔާ އެއްޗެހި ބުއިން (ލޮނު ޕެކެޓު، ކުރުނބާ، ސޫޕް ފަދަ ތަކެތި)
ހުން އައިސް ގައިގައި ރިއްސާނަމަ ގަޑިންގަޑިއަށް ޕެރަސެޓަމޯލް ކެއުން
ހާލަތު މާބޮޑަށް ދެރަވާނަމަ ޑޮކްޓަރަށް ދެއްކުން

ޑެންގީގެ އިތުރުން އަރިދަފުސް ރޯގާއާއި ބޭރަށްހިންގުމާއި ހޮޑުލެވޭ ރޯގާވެސް ވަނީ މިދުވަސްވަރު އިތުރުވެފައެވެ.

އެގޮތުން ޖޫން މަހު އަރިދަފުސް ރޯގާގެ 21802 ކޭސް ރިޕޯޓްކޮށްފައިވެއެވެ. ޖުލައި މަހު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކިކަަމަށް ރެކޯޑުކުރެވިފައިވަނީ 27553 މީހުންނެވެ. އަދި މިއހަރުގެ މިހާތަނަށް 26 މީހުން އިންފުލުއެންޒާއަށްވެސް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހޮޑުލުމާއި ބޭރަށްހިންގުން ޖެހިގެން ޖޫން މަހު 2379 މީހުން ޑޮކްޓަރަށް ދެއްކިއެވެ. ޖުލައި މަހު މިފަދަ ރޯގާގެ 3103 ކޭސް ރިޕޯޓްކުރިއެވެ.

އާންމު ރޯގާތަކުން ރައްކާތެރިވުމަށް ސާފު ތާހިރުކަމަށް ސަމާލްކަން ދިނުމާއި ބަލި މީހުން އެހެން މީހުންނާއިއެކު އެއްވެ އުޅުން ވީހާވެސް މަދުކުރުން ވަރަށްމުހިންމެވެ.