ޚަބަރު

ފުރަތަމަ ފަހަރަށް ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑެއް


ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާކައި، ޢަމަލުކުރަން ފެށި ފޮރިން ސާވިސް ޤާނޫނުގެ ދަށުން، ފޮރިންގ ސާވިސް އެޑްވައިޒަރީ ބޯޑު އެކުލަވާލައިފިއެވެ.

އަލަށް އަމަލުކުރަންފެށި ގާނޫނުގައި ވާގޮތުން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން އެކިއެކި މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިއުމަށްޓަކާ މިނިސްޓަރަށް ބޭނުންވާ ލަފާ ދިނުމާއި، އަދި މުވައްޒަފުންނާ ގުޅޭ އެހެނިހެން ކަންކަމުގައިވެސް އޭރަކު ހުންނަވާ ވަޒީރަކަށް ލަފާ ދިނުމަށްޓަކާ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ފޮރިން ސާރވިސް އެޑްވައިޒަރީ ބޯޑެއް އެކުލަވާލަން ޖެހެއެވެ.

"ފޮރިން ސާރވިސް އެޑްވައިޒަރީ ބޯޑު"ގެ މެމްބަރުން

- އަހުމަދު ލަތީފް / ފޮރިންގ ސެކެޓްރީ
- އަހުމަދު ރަޝީދު، ކަރަންކާގެ/ށ. މާއުނގޫދޫ (ފޮރިންގ މިނިސްޓްރީއަށް 10 އަހަރު ޚިދުމަތް ކޮށްފައިވާ، ޚިދުމަތުގައި ނޫޅޭ މީހެއްގެ ހައިސިއްޔަތުން
- އާމިނަތު ޝިފާނާ/ފޮރިންގ މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ (ފޮރިންގ ސާވިސްގެ އެގްޒެކެޓިވް ސްޓާފުންގެ ގިންތީގެ ތެރެއިން)
- ޚަދީޖާ ނަޖީހާ، ޖޮއިންޓް ސެކެޓްރީ (ފޮރިންގ ސާވިސް އިންސްޓީޓިއުޓްގެ އިސްވެރިޔާ)
- އާމިނަތު ސަމްރާ/ޑެސްކު އޮފިސަރ (ފޮރިން ސާވިސް ޖެނެރަލް ސްޓާފުންގެ ގިންތީގެ ތެރެއިން)

މިއީ އިއްޔެއިން ފެށިގެން 1 އަހަރު ދުވަހަށް އައްޔަން ކޮށްފައިވާ މެމްބަރުންނެވެ.

ފޮރިންގ ސާރވިސް އެޑްވައިޒަރީ ބޯޑު އެކުލަވާލެއްވުމަށްފަހު ފޮރިންގ މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ބޯޑު އެކުލަވާލައްވާފައިވަނީ ހުރިހާ ދައިރާއެއް ތަމްސީލުވާ ގޮތަށް، ޖިންސުގެ ހަމަހަމަ ކަމަށްވެސް އިސްކަން ދެއްވައިގެން ކަމުގައެވެ.

މިގާނޫނަށް އަމަލު ކުރެވެން ފެށުމާއެކު، "ދިވެހިރާއްޖޭގެ ފޮރިންގ ސާރވިސް"ގެ ނަމުގައި ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއް ވަނީ ގާއިމްވެގެން ގޮސްފައެވެ. މިގޮތުން ފޮރިން ސަރވިސް އެކުލެވިގެންވަނީ، ފޮރިން މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މިޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިންގ ސާރވިސްގެ މައްޗަށްކަމަށް މިގާނޫގައި ބަޔާން ކޮށްފައި ވެއެވެ.

އަދި މީގެ އިތުރުން، ފޮރިން ސަރވިސްގެ ގާނޫނު ވުޖޫދުވެ، އެ ގާނޫނަށް އަމަލްކުރަން ފެށުމާއިއެކު، މި ޚިދުމަތުގެ ދާއިރާއަށް އައި އެންމެ ބޮޑު އެއް ބަދަލެއްގެ ގޮތުގައި ފާހަގަވެގެން ދަނީ، ކުރިން ސިވިލް ސާވިސްގެ ޕާރމަނަންޓް ސެކެޓްރީ ދެއްވަމުން ގެންދެވި، ޚިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެންމެ އިސްފަރާތެއްގެ ދައުރު، ޕާރމަނެންޓް ސެކެޓްރީގެ ބަދަލުގައި، މިގާނޫނުގެ ދަށުން އައްޔަންކުރެވޭ ފޮރިން ސެކެރެޓަރީއަށް ބަދަލުވެގެން ދިޔަދިއުމެވެ.

މިގާނޫނުގައި ވާގޮތުން، ފޮރިން ސެކެރެޓަރިއަކީ އެވަގުތަކު ހުންނަވާ ވަޒީރެއްގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކަށްވީ ނަމަވެސް، ފޮރިން ސެކެރެޓަރީ ހުންނަވާނީ ފޮރިން ސާރވިސްގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައެވެ. އަދި މި ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވަޒީފާ އަދާކުރާނީ ފޮރިން ސެކެރެޓާރީގެ އިރުޝާދުގެ ދަށުންކަމުގައިވެސް މިގާނޫނުގައި ބަޔާން ކޮށްފައި ވެއެވެ.