ޚަބަރު

ލަންދޫ ސިއްޙީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް އަންނަމަހު ނިންމަނީ


ނ. ލަންދޫ ސިއްޙީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް އަންނަ މަހު ނިމޭނެކަމަށް ލަންދޫ ހެލްތު ސަރވިސަސްއިން ބުނެފިއެވެ.

މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އާބާދީގައި 1100 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ނ. ލަންދޫ ސިއްޙީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ލަންދޫ ސީނިއަރ އެޑްމިނިސްޓްރޭޓަރ އޮފް ހެލްތު ސަރވިސަސް ޖައުފަރު ރަޝީދު ވިދާޅުވީ ލަންދޫގައި ހުންނަ ސިއްޙީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު އަޅަމުންދާ ބައި ނިމުމާއިއެކު ސިއްޙީ މަރުކަޒުގެ އިދާރީ ބަޔާއި ކޮންފަރެންސް ހޯލް ފަދަ ޕަބްލިސިޓީ ބައިތައް ވަކި ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު މިހާރު ޚިދުމަތްދެމުންދާ ސިއްޙީ މަރުކަޒުގައި ހަމައެކަނި ކުރިއަށްދާނީ ކްލިނިކަލް ޚިދުމަތްތައްކަމަށް އޭނާ ވިދާޅުވިއެވެ.

ޖައުފަރު ވިދާޅުވީ މި މަސައްކަތް އަންނަ މަސްތެރޭ އެއްކޮށް ނިމިގެންދާނެކަމަށެވެ. މިއާއެކު ލަންދޫ ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ރަށަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. ރަށުގައި ސިއްޙީ ޚިދުމަތްތައް ފުޅާ ކުރުމަކީ އަޅުގަނޑުމެންވެސް އެކަމާ ވަރަށް އުފާކުރާކަމެއް. އަދި މީ ރަށުގެ ރައްޔިތުންވެސް ވަރަށް ބަލައިގަންނަ ކަމެއް" ލަންދޫ ސީނިއަރ އެޑްމިނިސްޓްރޭޓަރ އޮފް ހެލްތު ސަރވިސަސް ޖައުފަރު ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގައި ޤާއިމްކުރާ ހެލްތު ސެންޓަރާ އިންވެގެން އޮންނަ ހުސް ބިން، ޕަބްލިކް ހެލްތު ޕާކެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހެލްތު ސެންޓަރުގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާ އެނޫންވެސް ފަރާތްތަކަށް ބޭނުންކުރެވޭގޮތަށް މިތަން ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 4.28 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.