ޚަބަރު

"އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް"ގައި ހިމެނުމުގެ ޝަރަފު, ޗީފް އޮފް ޑިފެންސް ފޯސްއަށް


އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި ހިމެނުމުގެ ޝަރަފު, ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް އަރުވައިފިއެވެ.

މި ޝަރަފު، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް ލިބިވަޑައިގެންނެވީ އަންގާރަ ދުވަހު ސިޑްނީ ޝެރެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އިންޑަކްޝަން ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް ގައި ހިމެނުމުގެ ޝަރަފު ލިބިވަޑައިގެންނެވިކަމުގެ ލިޔުމާއި މެމެންޓޯ ޙަވާލުކޮށްދެއްވީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ރައީސް ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިންއެވެ.

އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ރަންވަނަތައް ހޯދައި، މަތީ ފެންވަރުގައި ދަސްވެނިވުމަށްފަހު އަސްކަރިއްޔާތަކުގެ ޗީފުންގެ މަޤާމަށް ޢައްޔަނުކުރެވޭ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ މިފަދަ އިސް މަޤާމުތަކާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކުގެ އިސް މަޤާމުތައް އަދާކުރައްވާ ފަރާތްތަކުގެ ތެރެއިން އިންޓަރނޭޝަނަލް ޕީސް އެންޑް ސްޓެބިލިޓީއަށް ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަތަކަށް އެރުވޭ ޝަރަފެކެވެ. މި ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން އެ ޔުނިވަރސިޓީގެ ދަސްވެނިންނަށް އަރުވާ ޝަރަފުތަކުގެ ތެރެއިން އެންމެ މަތީ ޝަރަފެވެ.

އެމްއެންޑީއެފުން ވިދާޅުވީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ދަސްވެނިވެފައިވާ ދިވެހިންގެ ތެރެއިން މި ޝަރަފު އެރުވުނު އެންމެ ފުރަތަމަ ބޭފުޅަކީ މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަކީ، 2011 އިން 2012 އަށް ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގައި ހިންގި މާސްޓަރ އޮފް އާޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީސް ޕްރޮގްރާމުގައި ރަންވަނަތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވަނީ މި ޕްރޮގްރާމުގެ ހުރިހާ މާއްދާއަކުން "އޭ ޕްލަސް" ހޯއްދަވައި، 4.0 ގެ ގްރޭޑް ޕޮއިންޓް އެވްރެޖް ހޯއްދަވާފައެވެ. އަދި މިކޯހުގެ "ޑިސްޓިންގްއިޝްޑް އޮނަރ ގްރެޖުއޭޓްގެ" މަޤާމު ޙާސިލުކުރެއްވުމުގެ އިތުރުން "އޮނާޑް ތީސަސް"ގެ ގޮތުގައި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ހުށަހެޅުއްވި ތީސިސް ވަނީ ހޮވިފައިވެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިތުރުން ހަތަރު ޤައުމަކުން ހަތަރު ބޭފުޅަކަށް މި ޝަރަފު ވަނީ އަރުވާފައެވެ.