ޚަބަރު

އިހަވަންދޫ ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ނިމޭނެ: ކައުންސިލް


ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ ނިމޭނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އާބާދީގައި 3500އަށްވުރެ ގިނަ މީހުން ދިރިއުޅޭ އިހަވަންދޫއަކީ އަތޮޅުގައި މަސްވެރިކަމުގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ބަނދަރުގެ ޖާގަ ކުޑަވުމަކީ މަސްވެރިންނާއި އެރަށުގެ ބޯޓު ދަތުރުކުރާ ފަރާތްތަކުގެ ޝަކުވާއެކެވެ. އެހެންކަމުން މިބަނދަރާއެކު އިޤްތިޞާދީގޮތުން ތަރައްޤީވަމުން އަންނަ އިހަވަންދޫ ރައްޔިތުންގެ ޝަކުވާތަކަށް ނިމުން އަންނާނެ ކަމަށް ކައުންސިލުން ދެކެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ޞަބާޙް ވިދާޅުވީ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށާއި ލަފާކުރެވޭގޮތުގައި ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ މަސައްކަތް އެއްކޮށް ނިންމާ ބަނދަރުގެ ބޭނުންކުރެވޭނެކަމަށެވެ. ބަނދަރުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އިހަވަންދޫގައި ތަރައްޤީކުރަމުން އަންނަ ބަނދަރާއެކު ރަށަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން އެރަށަކީ މަސްވެރި ރަށަކަށްވުމާއެކު އޮޑިދޯނިފަހަރުތައް އެޅުމުގައިވެސް ލުޔެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބަނދަރަކީ ރަށަށް އަރާ ފައިބާ ދަތުރުވެރިންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއް އެއީ. ކައުންސިލްގެ އިތުރުން ރަށުގެ ރައްޔިތުންވެސް އުފަލާއެކު ބަލައިގަންނަ ކަމެއް މީ" އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ޞަބާޙް ވިދާޅުވިއެވެ.

އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި 30509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އަދި 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި 4582 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތިއާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް މީގެ ތެރޭގައި ހިމެނެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން މި މަސައްކަތުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 59.07 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.