ދުނިޔޭގެ ވިޔަފާރި

ކެނެޑާގައި ވަޒީފާތައް މަދުވެއްޖެ


ވިދިވިދިގެން ދެ މަސް ދުވަހު ކެނެޑާގެ ވަޒީފާގެ ބާޒާރު ދަށަށް ހިނގައްޖެއެވެ.

ވަޒީފާތައް މަދުވި ނަމަވެސް މިކަމުގެ ސަބަބުން އިންފްލޭޝަން ކޮންޓްރޯލުކުރުމަށް ކެނެޑާގެ މަރުކަޒީ ބޭންކުން އިންޓަރެސްޓު ރޭޓު މަތިކުރަމުންދާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ސްޓެޓިސްޓިކްސް ކެނެޑާއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ކެނެޑާއިން ވަނީ 30600 ވަޒީފާ މަދުވެފައެވެ. މިއާއިއެކު ވަޒީފާ ނެތް މީހުންގެ ނިސްބަތް ރެކޯޑު އަދަދަކަށް ދަށްވެ، %4.9 އަށް ވަނީ އަރާފައެވެ.

މި ހިސާބުތަކުން ހާމަވާގޮތުގައި ކެނެޑާގައި ވަޒީފާތައް މަދުވެފައި މިވަނީ ވިދިވިދިގެން ދެ މަސް ދުވަހުއެވެ. ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްފަހު 2021 ވަނަ އަހަރުގެ މެއި މަހާއި 2022 ވަނަ އަހަރުގެ މެއި މަހާއި ދެމެދު ކެނެޑާއިން ވަނީ 1.06 މިލިއަން ވަޒީފާ އިތުރުކޮށްފައެވެ.

ރޮއިޓާސްގެ ޕޯލުގެ މާހިރުން ލަފާކޮށްފައިވާގޮތުގައި ކެނެޑާގައި 20000 ވަޒީފާ އިތުރުވެ ވަޒީފާ ނެތް މީހުންގެ ނިސްބަތް %5.0 އަށް އިތުރުވާނެއެވެ.

ކެނެޑާގެ މަރުކަޒީ ބޭންކުން އިންފްލޭޝަން ކޮންޓްރޯލްކުރުމަށް މިދިޔަ މަހު ވަނީ އިންޓަރެސްޓް ރޭޓް 100 ބެސިސް ޕޮއިންޓް މަތިކޮށްފައެވެ. އަދިވެސް އިތުރަށް މަތިކުރަން ޖެހިދާނެކަމަށްވެސް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

ކެނެޑާގެ މަރުކަޒީ ބޭންކުން ދެން ޝެޑިއުލް ކޮށްފައިވާ ރޭޓް އިއުލާން ކުރާނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އޮގަސްޓް މަހުގެ ވަޒީފާތަކުގެ ޑޭޓާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ކުރިން ނެރެން ޖެހެއެވެ.

މިއީ ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ވަޒީފާނެތް މީހުންގެ ނިސްބަތް އެންމެ ދަށްވި ފަހަރުކަމަށް ބީއެމްއޯ ކެޕިޓަލް މާކެޓްސްގެ ޗީފް އިކޮނޮމިސްޓް ޑަގް ޕޯޓާ ވިދާޅުވިއެވެ.