ޚަބަރު

ސޫރިޔާގައި ހަމަޖެހުން ޤާއިމްކުރަން ބޮޑެތި ބާރުތަކުގެ އެހީ ބޭނުން


ސޫރިޔާގައި ހިނގަމުންދާ ލޭ އޮހޮރުވުން ބޮޑު ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ޒިންމާ، އެހަނގުރާމައާ ގުޅުންހުރި ބޮޑެތި ބާރުތަކުން އުފުލުމަށް، އދ.ން ސޫރިޔާއަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ސްޓެފަން ޑިމިސްޓޫރާ ގޮވާލައްވައިފިއެވެ.ސޫރިޔާ ސަރުކާރާއި އެގައުމުގެ އިދިކޮޅު ފަރާތްތައް ހިމެނޭގޮތަށް ޖެނީވާގައި ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ފެށުނުކަން އިޢުލާން ކުރައްވަމުން ޑިމިސްޓޫރާ ވިދާޅުވީ ސޫރިޔާގެ ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމަށް އެގައުމުގެ ސަރުކާރަށާއި އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް ފިއްތުންތައް ކުރިމަތިކުރެވޭނީ އެފަރާތްތަކާ ގުޅުންހުރި ބޮޑެތި ބާރުތަކަށް ކަމަށެވެ. ޖެނީވާގައި ފެށުނު ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުގެ އަމާޒަކީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމާއި ސޫރިޔާގައި އައު ގާނޫނޫ އަސާސީއަކާއި އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް މަގުފަހިކުރުމެވެ. ސުލްހައިގެ ވާހަކަތައް ފެށުނުއިރު ސޫރިޔާ ސިފައިން ގެންދަނީ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް މިފަހަކަށް އައިސް ހިންގާފައި ނުވާވަރުގެ ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. ސޫރިޔާގެ ޙަލަބް ސިޓީގެ ކައިރީގައި މި އޮޕަރޭޝަން ހިންގަނީ ރަޝިޔާގެ ވައިގެ ހަމަލާތަކާއެކުގައި ކަމަށް ޚަބަރުލިބެއެވެ.