މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި އައްޝައިޚް އާދަމް ނިޝާން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
އޭނާ ބަންދުން ދޫކޮށްލާފައި މިވަނީ މިދިޔަ ޖޫންމަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު، މަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ. މީގެކުރިން އޭނާގެ މުއްދަތު އެކި ފަހަރު މަތިން ވަނީ އިތުރުކޮށްފައެވެ.
ނިޝާންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފައެވެ.
ޔޯގާ ހަމަނުޖެހުމާއި ގުޅިހެން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލާފައިވާއިރު، ދޫކޮށްލި މީހުންގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދާއި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްވެސް ހިމެނެއެވެ.
މިދިޔަ ޖޫންމަހު ގަލޮޅު ދަނޑުގައި ޔޯގާ އިވެންޓެއް ކުރިއަށްދަނިކޮށް އެތަނަށް ބަޔަކު ވަދެ، ހަމަނުޖެހުން ހިންގާ ބައެއް ތަކެއްޗަށް ގެއްލުންދީ، ބައެއް މީހުންނަށްވެސް ހަމަލާދިނެއެވެ. އެކަމާއި ގުޅިގެން ފުލުހުންގެ ތަހުޤީގެއް ކުރިއަށްދާއިރު، ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުންވެސް ދަނީ އެމައްސަލަ ބައްލަވަމުންނެވެ.