ޚަބަރު

މުސާރައިގެ ހެޔޮ ބަދަލާއެކު މުދައްރިސުން ހޯދުމަށް ފަސޭހަ : މިނިސްޓަރ


މުސާރައަށް އައި ހެޔޮ ބަދަލާއެކު މުދައްރިސުން ހޯދުމުގައި ވަރަށް ބޮޑަށް ފަސޭހަވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، މުސާރައަށް އައި ބަދަލާއެކު މުދައްރިސުންގެ މުސާރަ 4000އާ 10000އާ ދެމެދު އިތުރުވެފައިވާކަމަށެވެ. މީގެ އިތުރުން އުނގަންނައިދިނުމުގެ ދާއިރާގައި ތިބި މީހުންވެސް އަލުން އެ ދާއިރާއަށް ޚިދުމަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާކަން ފާހަގަކުރެވޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ، ކުރިން މުދައްރިސުންނާއި ޕްރިންސިޕަލުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރާ އިޢުލާންތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން، ދެތިން ފަހަރު އެއް މަޤާމަކަށް މީހުން ހޯދަން އިއުލާންކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް މުސާރައަށް ގެނެވުނު ބަދަލާއި ގުޅިގެން މުދައްރިސުންނާއި ޕްރިންސިޕަލުން ހޯދުމަށް ކުރާ އިޢުލާންތަކަށް ބޮޑު ތަރުހީބެއް ލިބިގެންދާކަމަށް ޕީއެސް ފާހަގަކުރިއެވެ.

"ހުޅުމާލޭގަ އަލަށް އަޅަމުން އަންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލަށް ޕްރައިމަރީ 20 ޓީޗަރުން ހޯދަން އިއުލާންކުރުމުން 56 މީހުން އަދި އިތުރު ހަ މަޤާމަކަށް 39 ހުށަހެޅުމެއް ލިބިފައިވޭ. މީގެ އިތުރުން އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް އެކަނި ވެސް ނުވަ މީހުން ކުރިމަތިލާފައިވޭ. އެއީ ޝަރުތު ހަމަވާ މީހުން ހުސްވެސް" ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންނަށް ބަލާއިރު، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށްވެސް 20،000 އަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ. އަދި އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް 32،218 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.