ޚަބަރު

މާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަލަށް ވަނުމަށް 1500 އަށްވުރެ ގިނަ ދަރިވަރުން


ރާއްޖޭގެ އެކި ހިސާބުތަކުން، މާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަލަށް ވަނުމަށް 1500 އަށްވުރެ ގިނަ ދަރިވަރުންގެ އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވީ އޯގަސްޓް 7 ވަނަ ދުވަހު ފަށާ ދިރާސީ އާ އަހަރާ ގުޅޭ މައުލޫމާތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓާ މޫސާ އާދަމް ވިދާޅުވީ، އެވްރެޖުކޮށް މާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަލަށް ވަންނަން ހުށަހަޅަނީ ޖުމްލަ 500 އެއްހާ ފޯމު ކަމަށެވެ. އެހެން ނަމަވެސް ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމާއެކު އެ އަދަދު ދެ ގުނައަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށްރަށުގައި ދިރިއުޅެމުން ދިޔަ ދަރިވަރުންގެ ތެރެއިން މި އަހަރު ގްރޭޑު އެކަކަށް ވަންނަން އެކަނި ވެސް 550 ފޯމު ހުށަހަޅާފަ މިވަނި. އެހެން ގްރޭޑުތަކަށް އަލަށް ބަދަލުވާން ހާހެއްހާ ފޯމު ހުށަހަޅާފަ ވާއިރު، މި އަހަރު މާލޭގެ ސްކޫލްތަކަށް 1500 އަށްވުރެ ގިނަ ދަރިވަރުން މިވަނި ފޯމު ހުށަހަޅާފަ" މޫސާ އާދަމް ވިދާޅުވިއެވެ.

ގްރޭޑު އެކަކަށާއި އެކި ސްކޫލުތަކަށް ބަދަލުވާން އެޑްމިޝަންގެގޮތުގައި ޖުމްލަ 5،260 ފޯމު ލިބިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އޭގެ ތެރޭގައި، މާލެ ސަރަހައްދުގައި މި ވަގުތު ކިޔަވަމުން އަންނަ ދަރިވަރުންވެސް ހިމެނެއެވެ. އަދި 5،100 އަށްވުރެ ގިނަ ފޯމަށް މިހާރު ޖަވާބު ދީފައިވާ ކަމަށާއި، އަދިވެސް އިތުރު ފޯމުތައް ލިބެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ހިޔާ ފްލެޓުގެ އާބާދީ އިތުރުވުމާގުޅިގެން، މާލެ ސަރަހައްދުގައި އުނގެނޭ ދަރިވަރުންގެ ނިސްބަތަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެ ދަރިވަރުންނަށް އުނގަންނައިދިނުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސަރުކާރުން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްކޫލްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ސްކޫލު އަންނަ މަހު ހުޅުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އަހުމަދު ކާމިލް ދީދީގެ ޕްރައިމަރީ ސްކޫލްގައި ކިޔަވައި ދޭނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑު ހަޔަކާ ހަމައަށެވެ. އިތުރު ޕްރީ ސްކޫލެއް ވެސް އެ ސަރަހައްދުގައި ވަރަށް އަވަހަށް ހުޅުވާއިރު، ސަލާހުއްދީންގެ ސްކޫލްގެ ނަމުގައި އަމީން ކޮންސްޓްރަކްޝަން އިން އިމާރާތްކުރާ ސްކޫލް އަންނަ ޖެނުއަރީގައި ހުޅުވާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 4 ސްކޫލެއް އެޅުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށެވެ.