ވިޔަފާރި

ކުރިއަށްއޮތް ދެތިން މަސްތެރޭ އެސްއެމްއީ ހަބް ހުޅުވަނީ


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ތަރައްޤީކުރާ އެސްއެމްއީ ހަބް ކުރިއަށްއޮތް ދެތިންމަސްދުވަހުގެ ތެރޭގައި ހުޅުވާނެކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ. މިއީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރި ކުރުމަށް ފަހި ފުރުސަތެއް ހޯދަދިނުމަށް ތަރައްޤީކުރާ ތަނެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ބީސީސީން ތަރައްޤީކުރާ އެސްއެމްއީ ހަބް އަޅަނީ އެލައިޑް ބިލްޑިންގައި 3 ފަންގިފިލާގައެވެ. ބީސީސީއިން ބުނީ އެސްއެމްއީ ހަބް ގެ މައިގަނޑު މަޤްސަދަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގައި ހަރަކާތްތެރިވާ އެކި ދާއިރާތަކުގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސް ޚިދުމަތް އެއްތަނަކުން ފޯރުކޮށްދެވޭނެ ގޮތެއް ހެދުންކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބީ.ސީ.ސީގެ ޗީފް ކޮމާޝަލް އޮފިސަރ ސާމިހް އާދަމް ވިދާޅުވީ، އެސްއެމްއީ ހަބްގެ ގްރައުންޑް ފްލޯގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާކަމަށެވެ. އަދި ފުރަތަމަ ފަންގިފިލާގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށާއި، އުންމީދަކީ އަވަސް މުސްތަޤްބަލެއްގައި މިތަން ހުޅުވިގެން ދިއުންކަމަށް ސާމިހް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ކުރިއަށްއޮތް ދެތިން މަހެއްގެ ތެރޭގައި ނިންމައި ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި. ދެން މި މަސައްކަތް ކުރަމުންދާއިރު މިތަނަށް މީހުން ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެގޮތުން އަޅުގަނޑުމެން މިހާރު ލިޔުންތެރިންނަށް އިއުލާނެއްކޮށްފައިވާނެ. އެބޭފުޅުންގެ ފޮތް ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވާނީ ހުޅުވާލެވިފައި." ސާމިހް ވިދާޅުވިއެވެ.

އެސްއެމްއީ ހަބް ތަރައްޤީ ކުރަނީ މޯލްއެއްގެ ގޮތަށެވެ. މިތަނުގެ މައިގަނޑު ބޭނުމަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތައް އެހެން ހަރުފަތަކަށް ގެންދިއުމެވެ. އެގޮތުން މިތަނުގައި ވިޔަފާރިތަކަށް ކިއޮސްކްތައް ދޫކުރާނެކަމަށާއި، މިތަންތަން ދޫކުރާނީ ވިޔަފާރި ކުރިއަށްގެންދަން ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އެކުގައި ކަމަށް ބީސީސީން ބުނެއެވެ.

އެސްއެމްއީ ހަބުން އަމިއްލައަށް ވިޔަފާރި އައުޓްލެޓެއް ހުޅުވުމުގެ ކުރިން އެމީހަކު އުފައްދާ އުފެއްދުމަކީ ނުވަތަ ފޯރުކޮށްދޭ ޚިދުމަތަކީ މުޖްތަމައު ބަލައިގަންނަ، ޑިމާންޑް އޮތް ނުވަތަ ވިއްކޭނެ މުދަލެއްކަން ޔަޤީންކޮށް ވިޔަފާރި ހުޅުވުމާއި ދޭތެރޭގައި ތަޖްރިބާކޮށްލަން ފުރުސަތު ލިބިގެންދާނެކަން ބީސީސީން ބުނެއެވެ.

ޑިރެކްޓަރ އޮތެންޓިކް މޯލްޑިވްސް މުހައްމަދު ޖައުޝަން ވިދާޅުވީ، އެކި ފްލޯތައް ޙާއްސަކޮށްފައިވަނީ އެކި ވިޔަފާރިތަކަށް ކަމަށެވެ. އެގޮތުން އެންމެ ތިރީގައި ހުންނާނީ ކެފޭއަކާއި އެއްކޮށް ދިވެހި ލިޔުންތެރިންގެ ފޮތްތައް ވިއްކޭނެ ކުޑަ ބުކް ޝޮޕެއް ކަހަލަ ތަނެކެވެ. އެތަނުގައި ދިވެހި ލިޔުންތެރިންގެ ފޮތްތަކާއި ލިޔުންތައް ވިއްކޭނެއެވެ. އަދި ފުރަތަމަ ފްލޯއާއި 2 ވަނަ ފްލޯވެސް ޙާއްސަކޮށްފައިވަނީ ތަފާތު ވިޔަފާރިތަކަށެވެ.

"ފުރަތަމަ ފްލޯ ޙާއްސަކުރަނީ ޕާފޯމިންގ އާޓްސް، ފޮތްލިޔާ ފަރާތްތަކާއި ގަސްއެއްޗެހި ވިއްކާ ފަރާތްތަކަށް ޙާއްސަ ސަރަހައްދު ގްރައުންޑް ފްލޯއިން ލިބޭނެ. ފުރަތަމަ ފަންގިފިލާ ކާބޯތަކެތި ވިއްކާ ފަރާތްތަކަށް އެބަ ޙާއްސަކުރަން. އޭގެއިތުރަށް ހާބަލް މެޑިސިން ކިއޮސްކްތަކެއް ފަސްޓް ފްލޯގައި ކުރިއަށްދާނެ. ހާބަލް މެޑިސިންއަށް ޙާއްސަކުރީ މިކަމަކީ ރާއްޖޭގައި ނެތިގެންދާކަމަކަށްވާތީވެ ދިރުވާ އާލާކުރަންވެގެން. 2ވަނަ ފަންގިފިލާގައި މިނީ ސިނަމާއަކާއި، ގޭމިން ސަރަހައްދަކާއި، ސެލޫން އޭރިއާއެއްގެ އިތުރަށް ކޮސްމެޓިކްސް އަދި ކުޑަކުދިންގެ ކުޅޭ ސާމާނު ވިއްކާ ތަނެއް ހުންނާނެ." ޖައުޝަން ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މި ވިޔަފާރިތައް ފަށައި ކުރިއަރަން ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. ބީސީސީގެ ދަށުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހުޅުވައި މި ފިހާރަތަކުންވެސް އަންނަނީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކަމުންނެވެ.