ޚަބަރު

އިންޑޯ ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމްގެ ބައިވެރިން ހުރާއަށް ޒިޔާރަތްކޮށްފި


އިންޑޯ ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމްގެ ބައިވެރިން ކ. ހުރާއަށް ޒިޔާރަތްކޮށްފިއެވެ.

މި ފޯރަމަކީ އެމެރިކާގެ ޔުނައިޑެޓް އިންޑޯ ޕެސިފިކް ކޮމާންޑާއި، މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ފޯރަމެކެވެ. ތިމާވެށީގެ މި ފޯރަމުގައި ދުނިޔޭގެ 21 ޤައުމަކުން 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

އިންޑޯ ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމްގެ ބައިވެރިން ކ. ހުރާއަށް ކުރި މި ޒިޔާރަތަކީ ރާއްޖޭގެ ރަށްފުށުގެ ޙާލަތު ބަލާލުމުގެ ގޮތުން ކުރި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި ފޯރަމުގެ ބައިވެރިންވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހުރި މިންވަރު ދެނެގަނެ، ތިމާވެށީގެ ގޮންޖެހުންތައް ހުރި މިންވަރު ދެނެގަނެ، މި ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ރާއްޖޭން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހޯދާފައެވެ.

ފޯރަމްގެ ބައިވެރިން ހުރާއަށް ކުރި ދަތުރުގައި އެ ރަށުގެ 4 ސަރަހައްދަށް ޒިޔާރަތްކޮށްފައިވެއެވެ. އޭގެތެރޭގައި މުސުމީ ބަދަލުތަކުގެ ސަބަބުން އެރަށުގެ ގިރަމުންދާ ސަރަހައްދާއި، ކުޅި އަދި ކަނޑޫފާ ހިމެނޭ ސަރަހައްދާއި، ކަރަންޓާއި ފެން އުފައްދާ ޕްލާންޓްތައް ބެހެއްޓިފައިވާ ސަރަހައްދުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާ ސަރަޙައްދަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިތަންތަނަށް ޒިޔާރަތްކޮށް ފޯރަމްގެ ބައިވެރިންވަނީ އެ ސަރަހައްދުގެ ކަންކަން ރޭވިފައިވާގޮތާއި، ދިމާވާ ގޮންޖެހުންތަކާގުޅޭ މަޢުލޫމާތު ހޯދާފައެވެ.

މި ދަތުރުގައި ހުރާ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ފޯރަމްގެ ބައިވެރިންނަށް ސަޤާފީ ހަރަކާތްތަކެއް ދައްކާލާފައިވެއެވެ. އަދި ފޯރަމްގެ ބައިވެރިންގެ ފަރާތުން ހުރާ ސްކޫލަށް ފޮތްތަކެއް ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެހީވުމުގެގޮތުން ހުރާގެ ގެސްޓް ހައުސްތައް އިޝްތިހާރުކުރުމާއި، ފަތުރުވެރިކަމާގުޅުން ހުރި ބައެއް ސްވެނިއަރފަދަ ތަކެތި ފޯރަމުގައި ވިއްކުމަށް ބަހައްޓާފައިވެއެވެ.

މިމަހުގެ 1 އިން 4 އަކަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ އިންޑޯ ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމަކީ ސަރަހައްދުގެ ތިމާވެއްޓާގުޅޭގޮތުން މި ސަރަހައްދުގެ އެންމެ މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށްޓަކާ އެމެރިކާގެ ޔުނައިޑެޓް އިންޑޯ ޕެސިފިކް ކޮމާންޑުން އިސްނަގައިގެން މި ސަރަހައްދުގެ ކޮންމެވެސް އެއް ޤައުމަކުން ހޯސްޓްކުރާގޮތަށް އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ.

މިއަހަރުގެ ފޯރަމް ހޯސްޓްކުރާ ޤައުމުގެ ހައިސިއްޔަތުން ރާއްޖެ ތަމްޞީލުކުރާ ތިމާވެއްޓާ ގުޅުންހުރި އިދާރާތަކުން ނޮމިނޭޓްކޮށްފައިވާ 24 މަންދޫބުން މި ފޯރަމުގައި ބައިވެރިވެއެވެ. ރާއްޖޭގައި އެންމެފަހުން މި ފޯރަމް ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. ކޯވިޑް-19 ގެ ސަބަބުން ފާއިތުވި 2 އަހަރު މި ފޯރަމް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.