ޚަބަރު

އެމެރިކާއިން ރާއްޖެއަށް 3 ލައްކަ ޑޮލަރުގެ އެހީއެއް


މޫސުމަށް އަންނަ ބަދަލުތަކާ، ވިލުންތެރި މަސައްކަތްތަކަށް ޔުނައިޓެޑް އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫ.އެސް އެއިޑުން 3 ލައްކައަށްވުރެ ގިނަ ޑޮލަރުގެ އެހީ ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެސް.ޑީ.އެފް.ސީއަށާއި އެފް.ޖޭ.އެސް ކޮންސަލްޓިންގއަށް ފޯރުކޮށްދީފިއެވެ.

މި އެހީއަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިވުމުގެގޮތުން ފޯރުކޮށްދިން އެހީއެއްކަމަށް ޔޫ.އެސް އެއިޑުން ބުނެއެވެ.

ޔޫ.އެސް އެއިޑުން ރާއްޖެއަށް މި އެހީ ދީފައިވަނީ އެ ޖަމިއްޔާއިން ހިންގާ ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީގެ ދަށުންނެވެ. މިއީ މިގޮތަށް ދެވުނު ފުރަތަމަ ގްރާންޓެވެ. ޔޫ.އެސް އެއިޑުން އެހީދިން އެސް.ޑީ.އެފް.ސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދޭ މާލީ އިދާރާއެކެވެ. އަދި އެފް.ޖޭ.އެސް ކޮންސަލްޓިންއަކީ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭ ކުންފުންޏެކެވެ.

މި އެހީ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކުގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް އިތުރުވަމުންދާއިރު، މިކަންކަމުން އަރައިގަނެ، ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކާ ކުރާ ހޭދަ އިތުރުކުރަންޖެހިފައިވާކަމަށެވެ. އަދި މިކަމުގައި އަމިއްލަ ވިޔަފާރިތަކުގެ އެއްބާރުލުމާއި، ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާކަމަށާއި، ޔޫ.އެސް އެއިޑުން މި ފޯރުކޮށްދިން މާލީ އެހީއާއެކު މިކަމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫ.އެސް އެއިޑުގެ ސްރީލަންކާއާއި ރާއްޖޭގެ މިޝަން ޑައިރެކްޓަރ ގެބްރިއެލް ގްރައު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމާއި އާމްދަނީއަށް ކުރާ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށް އެ ޖަމިއްޔާގެ ފަރާތުން އެހީތެރިވެދޭނެކަމަށެވެ. އެގޮތުން ޔޫ.އެސް އެއިޑުގެ ފަރާތުން އަމިއްލަ ވިޔަފާރިތަކާއެކު ގުޅިގެން ރާއްޖޭގެ މުހިއްމު އިޤްތިޞާދީ ސިނާޢަތްތައް ދިރުވައި އާލާކުރުމަށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުވައިގެން އީޖާދީ ހައްލުތައް ކޯ-ކްރިއޭޓް އަދި ކޯ-ފަންޑުކުރުމަށް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔޫ.އެސް އެއިޑްގެ ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީގެ ތެރެއިން އެސް.ޑީ.އެފް.ސީއަށް 86،000 ޑޮލަރުގެ އެހީ ފޯރުކޮށްދޭނެއެވެ. މި އެހީގެ ދަށުން ގްރީން ކްލައިމެޓް ފަންޑަށް އެކްރެޑިޓްވާ ރާއްޖޭގެ ފުރަތަމަ ނޭޝަނަލް އިމްޕްލިމެންޓިންގ އެންޓިޓީއަށް އެކުންފުނިވުމަށް އެހީތެރިވެދޭނެއެވެ. މިގޮތުން އެކްރެޑިޓްވުމާއެކު ގްރީން ކްލައިމެޓް ފަންޑުން ސީދާ ފަންޑިންއަށް އެކްސެސް ވެވޭނެއެވެ. ގްރީން ކްލައިމެޓް ފަންޑަކީ އދ.ގެ ފްރޭމްވޯރކް ފޯ ކްލައިމެޓް ޗޭންޖުގެ ދަށުން މިޓިގޭޝަންއާއި އެޑަޕްޓޭޝަނަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމަށް އެކުލަވާލާފައިވާ މާލީ ނިޒާމެކެވެ.

ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީގެ ތެރެެއިން ދެ ލައްކަ ހަތަރު ހާސް ޑޮލަރުގެ ގްރާންޓެއް ޔޫ.އެސް އެއިޑުން ވަނީ އެފް.ޖޭ.އެސް ކޮންސަލްޓިންއަށް ފޯރުކޮށްދީފައެވެ. މި އެހީގެ ތެރެއިން އެކުންފުނިން އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ތަރައްޤީކުރާނެއެވެ. މި ޕްރޮގްރާމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކުގެ ހިރާސް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިންވެސްޓްމަންޓްތަކަށް ކުޑަކޮށްދޭ އީޖާދީ ހައްލުތައް ހޯދައި އަވަހަށް ތަރައްޤީކުރުމަށް މަސައްކަތްކުރާނެއެވެ.

ޔޫ.އެސް އެއިޑުން ކުރިއަށްގެންދާ ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީއަކީ 5 އަހަރުގެ މުއްދަތަކަށް ހިންގާ 10.5 މިލިއަން ޑޮލަރުގެ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކުގެ ހިރާސްތަކަށް ވިލުންތެރިކަން އިތުރުކުރުމަށް އެހީތެރިވާނެއެވެ. މި ހަރަކާތަކީ ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ވިލުންތެރި މުޖުތަމަޢުއެއް އުފެއްދުމަށް ކުރާ މަސައްކަތްތަކަށްވެސް އެހީތެރިވެދޭނެ މަސައްކަތެކެވެ.