ތަޢުލީމު

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ތަޢުލީމު ދެއްވަން ފަށްޓަވައިފި


ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކުރައްވައި، އެއްރަށުން އަނެއް ރަށަށް ތަޢުލީމު ދެއްވުމުގެ މަސައްކަތް ފަށްޓަވައިފިއެވެ. މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި އެސް.ޓީ.އޯ ގުޅިވަޑައިގެން ތަމްރީނުކުރެއްވި ފާމަސީ އެސިސްޓަންޓުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިކަމާބެހޭ ތަފްޞީލް ހާމަކުރައްވާފައެވެ.  ސަރުކާރުގެ އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އެންމެ މުހިއްމު ދެ ވަޢުދުފުޅަކީ "އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނަން" އަދި " ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނެއް" ބިނާކުރުމުގެ ވަޢުދެވެ. މިވަޢުދު ފުއްދެވުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ކުރިޔަށް އެބަގެންދަވައެވެ. ސްކޫލްތަކުން ނުކުންނަ ކޮންމެ ކުއްޖަކީވެސް ތަޢުލީމީ ރޮނގުންނާއި، މަސައްކަތްތެރިކަމުގެ ރޮނގުން ނުވަތަ ކުރިއަށް ދިޔުމުގެ ފުރުޞަތުތަކެއް ލިބިފައިވާ ކުދިން ކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ގެންދަވަނީ ޔަޤީން ކުރަމުންނެވެ.އެޑިޔުކޭޝަން މިނިސްޓަރ ޢާއިޝަތު ޝިހާމްގެ ވާހަކަފުޅުގައި، މިއަދުގެ ދުނިޔޭގައި އޮތް މުވާޞަލާތާއި މުޢާމަލާތުގެ ފަސޭހަ ވަޞީލަތްތައް ނުވަތަ ކަނެކްޓިވިޓީގެ ސަބަބުން ބޮޑެތި ކުރިއެރުންތައް ޤައުމުތަކަށް ގެނައުމުގެ ފުރުޞަތު ލިބިގެންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އަތޮޅުތަކާ ގުޅާލެވިފައިވާ ވީޑިއޯ ކޮންފަރެންސްގެ ނިޒާމެއްގެ ޒަރީޢާއިން ޢާންމުކޮށް ކުރަންޖެހޭ ދަތުރުތަކާއި އަދި ވަގުތު ސަލާމަތް ކުރެވެމުންދާކަމުގައި ވިދާޅުވިއެވެ. އެގޮތުން މާލޭގައި ހުންނަ ޓީޗަރަކަށް ރާއްޖޭގެ އެކިކަންކޮޅުގެ ގިނަ ކްލާސް ރޫމްތަކެއްގައި ތިބި ދަރިވަރުންނަށް އެއްފަހަރާ އެއް ވަގުތެއްގައި ކިޔަވައިދިނުމަކީ ކުރެވިދާނެ ކަމެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން މިދިޔަ 2 އަހަރު ތެރޭގައި ތަފާތު ދާއިރާތަކުން މަތީ ތަޢުލީމްގެ ދެހާސް ހަތްސަތޭކަ އެއްހާ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. ތަޢުލީމީ ރޮނގުން ކުރިއަށްދާން އެދޭ ކުދިންނަށް އޯލެވެލް، އޭލެވެލް ހެދުމުގެ ފުރުޞަތާއި އަދި މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކުރެއްވުމުގެ ގޮތުން، މަތީ ތައުލީމްގެ ތަފާތު 2700 އެއްހާ ފުރުޞަތު މިދިޔަ 2 އަހަރު ތެރޭގައި ހުޅުވާލެވިފައިވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.އެގޮތުން މަސައްކަތްތެރިކަމާއި ދިމާއަށް ދާން އެދޭ ކުދިންނަށް މިހާރު ޖީ ސީ އީ އޯލެވެލް އާއި އޭލެވެލް އާއި އެއްފެންވަރުގެ އަދި އިނގިރޭސިވިލާތުގެ ސެޓްފިކެޓެއް ކަމަށްވާ ބީޓެކް އޯލެވެލް ފެންވަރުގައި ރާއްޖޭގައި މިދިޔަ 2 އަހަރު ތެރޭގައި ގާތްގަނޑަކަށް 2000 ކުދިން ތަމްރީންވަމުން އަންނަކަމަށެވެ. އަދި ބީޓެކް އޭލެވެލް ފެންވަރުގައި މިދިޔަ 2 އަހަރުގެ ތެރޭގައި 80 އަށްވުރެން ގިނަ ކުދިން މިހާރު ކިޔަވަމުން އަންނަ މިނިސްޓަރ ވިދާޅުވިއެވެ.ދިވެހި ޒުވާނުން ބިނާކުރެއްވުމަށްޓަކައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދާކަން އެނގި ހާމަވެގެންދާކަމަށާއި މި ހުރިހާ ކަމެއްވެސް ކުރެވެމުން މި ދަނީ، ޤައުމު ބިނާކުރުމުގައި އެކަށޭނަ ރަނގަޅު ތަޢުލީމާއި ތަމްރީނަކީ، ޤައުމުގެ ޒުވާނުންނަށް ނުހަނު ބޭނުންތެރި އެއްޗެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވާތީކަމުގައި އެޑިޔުކޭޝަން މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.