ކުޅިވަރު

ރިސޯޓް ލީގު: ދަ މެރީނާ އާއި ވެލައްސަރަށް ރަނގަޅު ފެށުމެއް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު މާލެ ޒޯނުގެ ކުޅުން ފަށައިފިއެވެ.

ކްރޮސްރޯޑްސްގައި މި މުބާރާތް ކުރިޔަށްދަނީ ޖުމްލަ 11 ޓީމާއެކު އެވެ. މި މުބާރާތް މި ޒޯނުގައި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

މާލެ އަތޮޅުގެ ދެކުނު ބިތަށް ނިސްބަތްވާ ރިސޯޓުތަކަށް ހުޅުވާލައިގެން މި މުބާރާތް ކުރިޔަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނެނީ ދަ މެރީނާ، ކަނޑޫމާ، އޯޒެން ލައިފް މާދޫ، އަދި ބޮލިފުށި އެވެ. ގްރޫޕް ބީ ގައި ހިމެނެނީ އެނބޫދޫ، ވެލައްސަރު، ފިހާޅޮހި އަދި ސާއީ ލެގޫން އެވެ. ގްރޫޕް ސީ ގައި ހިމެނެނީ ކޯމޯ ކޮކޯ، ހާޑްރޮކް އަދި އަނަންތަރާ އެވެ.

މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗެއް ކުޅޭއިރު ފުރަތަމަ ދުވަހު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ދަ މެރީނާ އާއި ކަނޑޫމާ އެވެ. މި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ދަ މެރީނާ އެވެ. މެޗުގައި މެރީނާ ގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އާޒިމެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ އެނބޫދޫ އަދި ވެލައްސަރު އެވެ. މި މެޗު 7-0 އިން ކާމިޔާބުކުރީ ވެލައްސަރު އެވެ. އެ ޓީމުން ޖެހި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކުރީ ހުސެއިން އަސްލަމް އެވެ. އަނެއް ލަނޑުތަށް ކާމިޔާބުކޮށްދިނީ ފަހުދު އައްބާސް އާއި އިސްމާއީލް ޝަރީފެވެ. މީގެތެރެއިން ފަހުދު ވަނީ ދެ ލަނޑު ޖަހާފައެވެ.

ސައުތު މާލެ ޒޯނުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ ކަނޑޫމާ އެވެ. އެންމެފަހުން މި ޒޯނުގައި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. ރިސޯޓު ލީގު ސައުތު މާލެ ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އޯގަސްޓް 15 ގައެވެ.

މިއަހަރުގެ މިހާތަނަށް ދެ ޒޯނެއްގައި ވަނީ ރިސޯޓު ލީގު ބާއްވާފައެވެ. އެގޮތުން ދާލު އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތް ކަނޑިންމަ މޯލްޑިވްސް ކާމިޔާބުކުރި އިރު އަރިއަތޮޅު ދެކުނުބުރީގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތް ކާމިޔާބުކޮށްފައިވަނީ ކޮންރެޑް މޯލްޑިވްސް އެވެ.