ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ބައެއް މަސައްކަތްތައް ނައިބު ރައީސް ބައްލަވާލައްވައިފި


ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަށްސަށް ނައިބު ރައީސް ކުރެއްވި ޒިޔާރާތުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ ސްކޫލްތަކުގެ މަސައްކަތް ބައްލަވާލެއްވުމަށެވެ. އެގޮތުން މިހާރު މަސައްކަތް ފަށައިގެން ކުރިއަށްދާ ޕްރީ ސްކޫލާއި، ޕްރައިމަރީ ސްކޫލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، އެކަމުގެ އެންމެފަހުގެ މަޢުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވެވިއެވެ. މި ސްކޫލްތަކުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ކުރީކޮޅު ކިޔަވައިދޭން ފެށުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނައިބު ރައީސް ދެން ވަޑައިގެންނެވީ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަޙައްދަށް އެޗް.ޑީ.ސީން ގެންނަމުންދާ ބަދަލުތައް ބައްލަވާލައްވާލެއްވުމަށެވެ. އެގޮތުން އެ ސަރަޙައްދަކީ އާއްމުންނަށް ހިތްފަސޭހަ ސަރަޙައްދަކަށް ހެދުމާއި، ބީޗް އޭރިއާ އިތުރަށް ތަރައްޤީވެގެން އަންނާނެ ގޮތުގެ މަޢުލޫމާތު އޮޅުންފިލުންވިއެވެ.

ނައިބު ރައީސް ވަނީ ހުޅުވާމާލޭ ދެވަނަ ފިޔަވަހީގައި އާއްމު ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ ގޮތްތަކުގެ މަޢުލޫމާތުމާތުވެސް އޮޅުންފިލުއްވާއެވެ. އެގޮތުން ހުޅުމާލެއަށް އާއްމު ދަތުރުފަތުރުގެ ޚިދުމަތްދޭ އެމް.ޓީ.ސީ.ސީގެ ބަސް ސްޓޮޕްތަކަށް ޒިޔާރަތްކޮށް އެތަނުގެ މުވައްޒަފުންނާ އަދި ޚިދުމަތް ހޯދާ މީހުންނާވެސް ބައްދަލުކުރެއްވެވިއެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި މިހާރު ހިމަނާފައިވާ ފަރުކޮޅުފުށީގެ މަސައްކަތްތައްވެސް ބައްލަވާލައްވާފައެވެ. މި ތަން މިހާރު ބޭނުންކުރަނީ އެކިއެކި އިވެންޓްތައް ބާއްވާ ތަނެއްގެ ގޮތުގައެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙުމަދުއާއި އެޗް.ޑީ.ސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.