ޚަބަރު

ހިޔާގެ ފުރަތަމަ މެނޭޖްމަންޓް އޮފީހުން ޚިދުމަތް ދޭން ފަށައިފި


ހިޔާ ސަރަޙައްދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖްމެންޓް އޮފީހެއް ޤާއިމުކޮށް އެތަނުން ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ހިޔާ ސަރަޙައްދުގައި ޤާއިމުކުރި އެޗް.ޑީ.ސީގެ ފުރަތަމަ އޮފީހެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިތާ އަހަރެއް ވެފަވާއިރު، އެތަނަށް ބޭނުންވާ އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށް އެޗް.ޑީ.ސީ.ސީން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާ ސަރަޙައްދުގެ ފުރަތަމަ މެނޭޖްމަންޓް އޮފީސް ހަދާފައިވަނީ ހިޔާ 11 ވަނަ ޓަވަރުގެ އެންމެ ތިރީ ފަންގިފިލާގައެވެ. މިއީ ހިޔާ ފްލެޓްތަކާ ގުޅުންހުރި އިދާރީ ޚިދުމަތްތައް، ހިޔާގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤާއިމުކުރި އޮފީހެކެވެ. އޮފީސް ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 14:00 އާއި ހަމައަށެވެ.

މި އޮފީހުން ހިޔާ ފްލެޓްތަކާއި ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ސާފުކުރުމާއި، އެޗް.ޑީ.ސީގެ ޚިދުމަތްތައް އަދި ފްލެޓަށް ކުލި ދެއްކޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އެޗް.ޑީ.ސީން ވިދާޅުވީ، މެނޭޖްމަންޓް އޮފީހުން، ހިޔާގެ ކުލި ބަލައިގަންނަނީ ކާޑު މެދުވެރިކޮށްކަމަށެވެ.

ހިޔާ ފްލެޓްގެ ކުއްޔަކީ 8500 ރުފިޔާއެވެ. މީގެތެރޭގައި މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު ނަގަމުން އަންނަ 1000 ރުފިޔާ ހިމެނެއެވެ.

ހިޔާގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތަކާއި ގުޅޭ ޝަކުވާ ފަސޭހަކަމާއެކު ހުށައެޅުމުގެ ފުރުޞަތުވެސް، މި އޮފީހާއެކު ލިބޭނެއެވެ. އެޗް.ޑީ.ސީން ވިދާޅުވީ، މި ޚިދުމަތާއެކު، ރައްޔިތުންނަށް ދިމާވާ މައްސަލަތައް ފަސޭހައިން ދެނެގަނެ، އަވަހަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރެވޭނެކަމަށެވެ.

މިއީ ހިޔާގެ ރައްޔިތުންނަށް އަމާން، އުފާވެރި އަދި ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް އެޗް.ޑީ.ސީން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހިޔާ ފްލެޓަކީ އެއްފަހަރާ އެންމެ ބޮޑު އަބާދީއެއް އާބާދުވި ފުރަތަމަ ހައުސިން މަޝްރޫޢުއެވެ. ހިޔާ 6720 ހައުސިން ޔުނިޓަށް 30000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅުން ބަދަލުކުރާނެކަމަށް ލަފާކުރެއެވެ. މިހާރުވެސް 5000 އާއި ފްލެޓްގައި މީހުން ދިރިއުޅެއެވެ.

ހިޔާ ސަރަޙައްދުގައި މިވަގުތުވެސް ވަނީ އާއްމު ގިނަ ޚިދުމަތްތަކެއް ޤާއިމުކޮށްފައެވެ. އެގޮތުން ކުނި ނެގުމުގެ ޚިދުމަތާ، ފްލެޓްތައް ހިމެނޭ ސަރަޙައްދުގައި އާއްމު ވިޔަފާރީގެ ޚިދުމަތްތައް ފެށުމާއި ކްލިނިކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ކެފޭފަދަ ތަންތަނުގެ ޚިދުމަތްތައް އަންނަނީ ފަށަމުންނެވެ.

އަދި ރައްކާތެރިކަން އިތުރުކުރުމަށް ސަރަޙައްދު ބެލެހެއްޓުމަށް ސެކިއުރިޓީން ބެހެއްޓުމާއި، އަދި ކެމެރާ ބެހެއްޓުން ފަދަ މަސައްކަތްތައް ހިމެނެއެވެ.