ޚަބަރު

ދާރުލްއާސާރު ޒަމާނީކުރުމަށް ބީއެމްއެލްއިން އެހީތެރިވަނީ


ޤައުމީ ދާރުލްއާސާރު ޒަމާނީކޮށް، އެތަނަކީި އާއްމުންނަށް ޝައުގުވެރި ތަނަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

ބީއެމްއެލްގެ މި އެހީއަކީ ކުންފުނީގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި، މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައް ކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގައި ހިމަނާފައިވާ މަސައްކަތެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތުގެ 40 ވަނަ އަހަރު ފާހަގަކުރުމަށް، އެ ކުންފުނިން ވަނީ މުޖުތަމަޢުއަށް ފައިދާހުރި މުހިންމު 12 ހަރަކާތެއް މުޅި އަހަރަށް ބަހާލައިގެން ހިންގުމަށް ނިންމާފައެވެ. ދާރުލްއާސާރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތަކީވެސް މި ޕްރޮޖެކްޓްގައި ހިމަނައިގެން ކުރިއަށްގެންދިއުމަށް ނިންމާފަވާ މަސައްކަތެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ދާރުލްއާސާރުގައި ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި އެތާނގައި ހުރި ތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި، އެ ތަކެތި ޑިސްޕްލޭކޮށް އާންމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މިގޮތުން، ކޮންޒަވޭޝަން އެންޑް ޕްރިޒަވޭޝަން ލެބޯޓަރީ ތަރައްގީ ކުރުމާއި ދާރުލްއާސާރަށް ޒިޔާރަތް ކުރާ ފަރާތްތައް ޝައުގުވެރިވާ ފަދަ ތަނަކަށް ދާރުލްއާސާރު ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތާ ގުޅޭގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ގައުމީ ދާރުލްއާސާރަކީ ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ އިދާރާއެއްކަމަށެވެ. އަދި މިފަދަ މުހިންމު މަސައްކަތެއް އިތުރަށް ތަރައްޤީކުރުމަށް ބޭނުންކުގެ އެހީ ފޯރުކޮށްދިނުމަކީ، ކުންފުންޏަށް ލިބޭ އުފަލެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަކީ ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކައާއި ސަޤާފަތާއި ބެހޭ ހުރިހައި މަޢުލޫމާތެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފުރުޞަތު ފަހިކޮށްދީފައިވާ ތަނެކެވެ. އެންމެ އެވޭލާ ޒަމާނުގެ ތާރީޚުން ފެށިގެން، ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކާއި، ތަރައްޤީގެ މަރުޙަލާތަކާއި، ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތަކާއި ރާއްޖޭގައި ފާހަގަކޮށްފައިވާ ޚާއްސަ ކަންތައްތަކުގެ މަޢުލޫމާތުވެސް ދާރުލްއާސާރުގައި ރައްކާކޮށްފައިވެއެވެ. އަދި އެކި ދުވަސްވަރު ދިވެހިންގެ ދިރިއުޅުން ދައްކުވައިދިން ވަރަށް ގިނަ ތަކެތި ފެންނަންހުރީ މި ދާރުލް އާސާރުގައެވެ. ދިވެހިންގެ ސަޤާފަތާއި ތަރިކަ އަދި ފަންނުވެރިކަން ދައްކުވަދޭ ތަކެތި ހިމެނެއެެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ޤައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. މިހާރު ބޭނުންކުރަމުންދާ ޤައުމީ ދާރުލް އާސާރަކީ 2008 ވަނަ އަހަރު ބިންގާ އަޅާ، 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ހުޅުވާ ބޭނުން ކުރަން ފެށި ދާރުލްއާސާރެވެ.

ދާރުލްއާސާރަކީ ދިވެހިންގެ ތާރީޚު ފެންނަން އޮތް އެންމެ މުހިންމު ބިނާއެވެ. މިތަނަކީ ފަތުރުވެރިންގެ ޝައުގުވެރިކަންވެސް ހުރި މުހިންމު ބިނާއެވެ. އެހެންކަކުން ދާރުލްއާސާރަކީ ޝައުގުވެރި ތަނެއްގެ ގޮތުގައި ބަދަލުވެގެން އައުމަކީ، މިތަނުގެ މުހިންމުކަން ބުނެދީ ތާރީޚު ކުރިއެރުވުމަށް ކުރެވޭނެ މުހިންމު މަސައްކަތަކަށްވެގެން ދާނެއެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެކި ދާއިރާތައް ހިމެނޭހެން ތަފާތު، ގިނަ ޕްރޮޖެކްޓްތަކެއް ވަނީ ފަށާފައެވެ. އެގޮތުން ސަޤާފަތާ ތަރިކައިގެ އިތުރުން، ތަޢުލީމާ ތިމާވެށީ އަދި އިޖްތިމާއީ މުހިންމު ޕްރޮޖެކްޓްތައް ހިމަނާފައިވެއެވެ.