ތަޢުލީމު

ސަރުކާރުގެ ޙަރަދުގައި ބޫޓާންގެ ދަރިވަރަކު ރާއްޖޭގައި ކިޔަވަނީ


ސާކް ޗެއަރ ފެލޯ ޝިޕް  2015 ގެ ދަށުން، ދިވެހި ސަރުކާރުން ހުޅުވާލެއްވި ފުރުޞަތުގައި ސްކޮލަރޝިޕް ކާމިޔާބުކުރި ބޫޓާންގެ ދަރިވަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލްކުރަން ފަށައިފިއެވެ.ނިދޫޕް ގްލޭޝަން ނަމަކަށް ކިޔާ މި ދަރިވަރަށް ދިވެހި ސަރުކާރުން އެވޯޑް ކުރެއްވި 4 އަހަރުގެ މި ސްކޮލަރޝިޕްގެ ހުރިހައި ޚަރަދެއް ބެލެހެއްޓެވުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުން ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ވިދާޅުވެއެވެ. ނާސިންގް ދާއިރާއިން ނިދޫޕް ބެޗެލަރސް ޑިގްރީ ފުރިހަމަ ކުރުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައެވެ.ސާކް ޗެއަރ ފެލޯޝިޕް  އެންޑް ސްކޮލަރޝިޕްގެ މައިގަނޑު މަޤްޞަދަކީ، ސާކްގެ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓާ، ޞުލްޙަޔާއި އިސްތިޤްލާލް ޕްރޮމޯޓް ކުރެއްވުމުގެ އިތުރުން، ސާކްގެ މެމްބަރު ޤައުމުތަކުގެ އިޖްތިމާޢީ އަދި މާލީ ބޭނުންތަކަށް އިޖާބަދެއްވުމެވެ. މީގެ އިތުރުން، ސާކް ސަރަޙައްދުގައި ޢިލްމުވެރިން އިތުރުކުރުމަށް ހިތްވަރުދީ، ސާކް ޞަރަޙައްދުގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރުމަށް ހިތްވަރު ދެއްވުމަކީވެސް ސާކް ޗެއަރ ފެލޯޝިޕް އެންޑް ސްކޮލަޝިޕްގެ މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.