ޚަބަރު

ދިރާސީ އާ އަހަރާއެކު ޤުރުއާނާ ބެހޭ މަރުކަޒުގެ ކްލާސްތައް ސަލްމާން މިސްކިތުގައި

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކޯސްތައް ކުރިއަށް ގެންދާނީ ކިންގް ސަލްމާން މިސްކިތުގައިކަމަށް އެ މަރުކަޒުން ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުޢާނާބެހޭ މަރުކަޒަށް މިވަގުތު އޮތް އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަންކަމެވެ. ކީރިތި ޤުރުޢާނާ ބެހޭ ޤައުމީ މަރުކަޒުގައި މިހާރު ކިޔަވައިދެމުން އަންނަނީ 6 ކްލާސްރޫމްގައެވެ.

އެމަރުކަޒުގައި ކްލާސްތައް ހިންގުމަށް އޮތް ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ މަރުކަޒު ކިންގް ސަލްމާން މިސްކިތަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިހާރު ވަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ސަލްމާން މިސްކިތަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ އިބްރާހިމް ޢަބްދުލްކަރީމް ވިދާޅުވީ މަރުކަޒުގެ މަސައްކަތް ސަލްމާން މިސްކިތަށް ބަދަލުކުރުމުގެ %90 މަސައްކަތްތައް ނިންމާލާފައިވާކަމަށެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ސަލްމާން މިސްކިތުގައިކަމަށް އިބްރާހީމް ޢަބްދުލްކަރީމް ވިދާޅުވިއެވެ. އެހެންނަމަވެސް ކިންގް ސަލްމާން މިސްކިތުގައި އިންޓަރނެޓް ކަނެކްޝަންފަދަ ބޭނުންވާ މުހުއްމު ކަންކަން ނެތިމުގެ ސަބަބުން އެ މަރުކަޒުގެ ބައެއް މަސައްކަތްތައް އަދި ކުރިއަށްގެންދާނީ މިހާރު އެމަރުކަޒު ހިންގަމުންދާ ޢިމާރާތުގައެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކޯސްތަކާއި އެމަރުކަޒުގެ މަސައްކަތްތައް ކުރުމަށްޓަކައި ސަލްމާން މިސްކިތުން ވަނީ ޖާގަ ދީފައެވެ. އެގޮތުން އެ މިސްކިތުގެ 3 ވަނަ ފަންގިފިލާގައި އެ މަރުކަޒުގެ ކޯސްތަކާއި އޮފީހުގެ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސެމިނަރ ރޫމަކާއި، ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ ބޮޑު އޮޑިޓޯރިއަމްވެސް އެ މަރުކަޒަށް ވަނީ ދޫކޮށްފައެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަކީ ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަށާއި ޤުރުއާން ޢިލްމާއި ގުޅޭ ތާރީޚް ދިރާސާ ކުރުމުގެ އިތުރުން ޤައުމީ އަދި ބައިނަލް އަޤްވާމީ ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ތަމްސީލް ކުރާނެ ބައިވެރިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒެކެވެ.

މީގެ އިތުރުންވެސް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދަނީ ހުނަރުވެރި ޤާރީން އުފެއްދުމަށާއި ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށާއި ރާއްޖޭގެ މިސްކިތްތަކުގައި ހަރަކާތްތެރިވާނެ އިމާމުން ތަމްރީން ކުރުމަށް ތަފާތު އެކިއެކި ފެންވަރުގައި ޤުރުއާނުގެ ޢިލްމާއި ގުޅޭ ކޯސްތައް ހިންގަމުންނެވެ.