ޚަބަރު

2023 ފަށާނީ ޓޫރިޒަމް މާސްޓަރ ޕްލޭނާއެކު - މިނިސްޓަރ ޑރ. މަޢުޞޫމް


2023 ވަނަ އަހަރު ފަށާނީ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނާއި އެކުގައިކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ. 5 ވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކަށް އަލިއަޅުވާލާނެކަމަށެވެ. އޭގެތެރޭގައި ފަތުރުވެރިކަން ކުރިއަށްގެންދާއިރު ދުނިޔޭގެ ވާދަވެރިކަމުގައި ރާއްޖެ ފަހަތައް ނުޖެހި ގެންދެވޭނެ ގޮތަށް ބައްޓަންވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިމާވެށީގެ ގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީ ގޮތުންވެސް ރާއްޖެއަށް މަންފާލިބޭ ގޮތަށް އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ މިހުރިހާ ކަމަކާއި ރަހުމަތްތެރި ކަމެއްގެ ގޮތުގައި ކުރިއަށްގެންދެވޭނެގޮތްތައް މި މާސްޓަރ ޕްލޭނުގައި ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ފެންނަންވެސް ފެންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މާސްޓަރ ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕްވެސް ނިމިފައި އެއޮތީ. އަނެއްހެން ދަންނަވާއިރު ގާތްގަނޑަކަށް ނިމިފައި އެއޮތީ. އޭޑީބީއާއި އަދި އެހެން ފަރާތްތަކުގެ އެހީއާއި އެއްކޮށް ދިވެހި ކޮންސަލްޓަންޓުން މުޅިން މެއިން ލީޑް ކޮންސަލްޓަންޓް ފިޔަވައި އިނގޭތޯ. ވަރަށް އުފާވާ ކަމެއް. ދެން އޮންނާނީ ރަނގަޅު އިރުވަރެއް ބަލާފައި އޭތި ލޯންޗްކުރުން. 2023 ގުނަން ފަށާނީ 5 ވަނަ މާސްޓަރ ޕްލޭންއާއި އެއްކޮށް. މާސްޓަރ ޕްލޭންއިން ދައްކާނީ މައި މިސްރާބު. މާސްޓަރ ޕްލޭންގައި ފާހަގަކޮށްލެވޭ އެންމެ އުފާވެރި ޖުމްލައަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ލާމަސީލު އެންމެ ލީޑިންގ ސަސްޓެއިނަބަލް މަންޒިލަށް ވާނެއޭ. އެކަމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް އުންމީދު އެބައޮތް." މިނިސްޓަރ ވިދާޅުވިއެވެ.

މި މާސްޓަރ ޕްލޭންގެ ތެރެއިން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލެވިގެން ދާނެއެވެ. މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތަށް ޖުމްލަ 10 ކޮންސަލްޓަންޓުން ވަނީ ނަގާފައެވެ. އެއީ 9 ކޮންސަލްޓަންޓުންނާއި 1 ލީޑް ކޮންސަލްޓަންޓެކެވެ. ލީޑް ކޮންސަލްޓަންޓުގެ ގޮތުގައި ނަގާފައިވަނީ ބޭރުގެ ފަރާތެކެވެ. ނަމަވެސް ބާކީތިބި 9 ކޮންސަލްޓަންޓްގެ މަޤާމަށް ނަގާފައިވަނީ ދިވެހިންނެވެ.

ކޮންސަލްޓަންޓުން ނަގާފައިވާ ދާއިރާތަކަކީ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އިކޮނޮމިކް ޕްލޭނިންގ، ސޯސަލް ކަލްޗަރަލް، މާކެޓިންގ އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް، ޕޮލިސީ، ހިއުމަން ރިސޯސް، އެންވަޔަރަމަންޓް، ލީގަލް، މެރިން، އަދި ސެކިއުރިޓީ ދާއިރާއެވެ.