ޚަބަރު

ޑިމޮކްރަސީ ހަފްތާއަށް މުއައްސަސާތަކުން ތައްޔާރު


ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރައްވާ ޑިމޮކްރަސީ ހަފްތާގައި ބައިވެރިވުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ޑިމޮކްރަސީ ހަފްތާގައި ބައިވެރިވާ އެކިމުއައްސަސާތަކުން ވިދާޅުވެއްޖެއެވެ.ޑިމޮކްރަސީ ހަފްތާގެ މުހިއްމު ހަރަކާތްތައް ފެބުރުއަރީ ސޯޅައިން ވިއްސަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށީގައެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވަނީ ޑިމްކޮރަސީ ހަފްތާގައި ބައިވެރިވާ އެކި މުއައްސަސާތަކާ ބައްދަލުކުރައްވައި، މިހަފްތާގައި ކުރިއަށްގެންދެވުމަށް ރާއްވަވައިފައިވާ ހަރަކާތްތަކާގުޅޭ މަޢުލޫމާތު ޙިއްސާ ކުރައްވާފައެވެ.ޕީ.އެސް.އެމާ ވާހަކަދެއްކި މުއައްސަސާތަކުގެ މަންދޫބުން ވިދާޅުވީ ޑިމްކޮރަސީ ހަފްތާގައި އެމުއައްސަސާތަކުން ބައިވެރިވެ ވަޑައިގަންނަވަނީ ޑިމޮކްރަސީގައި އެމުއައްސަސާތަކުގެ ހިއްޞާ ބޮޑުކަމަށް ޤަބޫލުކުރައްވާތީކަމަށެވެ.އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާން ވިދާޅުވީ ޑިމޮކްރަސީ ހަފްތާއަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކުރައްވަންޖެހޭ ހުރިހާތައްޔާރީތައް މިހާރު ނިމުމުގެ މަގުމަތީގައިވާކަމަށާއި، ޑިމޮކްރަސީ ހަފްތާ ފާހަގަ ކުރެއްވުމަށް ނިންމަވާފައިވާ ތާރީޚްގައި ފާހަގަ ކުރެއްވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރައްވާ ޑިމޮކްރަސީ ހަފްތާގައި ދައުލަތުގެ އިސް މަސްއޫލުވެރިން ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި މިރަސްމިއްޔާތަށް ބައެއް ޤައުމުތަކުގެ އިސް އޮފިޝަލުންވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ. ހޯރަފުށީގައި ފާހަގަކުރައްވާ ޑިމޮކްރަސީ ހަފްތާގައި އެ ކޮމިޝަނުގެ އާ ލޯގޯ އާއި ކޮމިޝަނުން ބޭނުން ކުރައްވާ ކުލަ އިފްތިތާހުކުރެއްވުމާއި، އަލަށް ފާހަގަކުރައްވަން ފައްޓަވާ ވޯޓުލާ މީހުންގެ ދުވަހާއި، އިލެކްޝަންސް ކޮމިޝަނުގެ އަހަރީ ދުވަސް އިޢުލާން ކުރެއްވުންވެސް އޮންނާނެކަމަށް އެކޮމިޝަނުން ހާމަކުރައްވައެވެ.ޑިމޮކްރެސީ ހަފްތާގެ ތީމައަކީ، "ޑިމޮކްރެސީގައި އެންމެންގެ ބައިވެރިވުން" މިއެވެ. މިތީމްގެ ދަށުން ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި ސިޔާސީ ޕާޓީތަކުން ޑިމޮކްރަސީގައި އަދާކުރައްވާ ދައުރު ހަރުދަނާ ކުރެއްވުމަށާއި، ޑިމޮކްރެސީއަށް ޢާއްމުންގެ ހޭލުންތެރިކަން އިތުރު ކުރެއްވުންވެސް މި ހަފްތާގައި އޮންނާނެއެވެ.އެގޮތުން ޑިމޮކްރަސީއާ ގުޅުންހުރި ކުއިޒް މުބާރާތްތަކާއި، ބަހުސްތައް ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވެއެވެ. އަދި ސުކޫލް ކުދިންނަށް ޑިމޮކްރަސީއާ ގުޅޭ މައުލޫމާތު ދެއްވުމަށް ބައްދަލުވުންތައް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.