ޚަބަރު

އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ރަށްތަކަށް ބަސްތައް ފޮނުވައިފި


ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ މިނީ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ބަސްތައް ފޮނުވައިފިއެވެ. މިނީ ބަހުގެ ޚިދުމަތް މާލެއާއި އަތޮޅުތަކުގައި ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެމް.ޓީ.ސީ.ސީން މިހާރު ދަނީ ވަމުންނެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ އައްޑޫ ސީޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައެވެ. މި ޚިދުމަތް ފަށަނީ ބިން ބޮޑެތި އަދި މިފަދަ އެކަށީގެންވާ ނިޒާމެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ރަށްތަކުގައެވެ.

މިނީ ބަހުގެ ޚިދުމަތަށް މި 3 އަތޮޅަށް މިހާތަނަށް 23 ބަސް ވަނީ ފޮނުވާފައެވެ.

އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް ފަށާ ރަށްތައް:

- އައްޑޫ ސިޓީ ފޭދޫ-ހިތަދޫ - 8 މިނީ ބަސް / 4 ރޫޓް
- އައްޑޫ ސިޓީ ހުޅުމީދޫ - 4 މިނީ ބަސް / 4 ރޫޓް
- ފުވައްމުލައް ސިޓީ - 5 މިނީ ބަސް / 3 ރޫޓް
- ލ. ގަން-ފޮނަދޫ - 5 މިނީ ބަސް / 4 ރޫޓް
- ލ. އިސްދޫ-ކަލައިދޫ - 2 މިނީ ބަސް / 1 ރޫޓް

ލ. އަތޮޅަށް ފޮނުވުމަށް ހަމަޖެހިފައިވާ 7 މިނީ ބަހުގެ ތެރެއިން މިހާތަނަށް ގެންދިޔައީ 6 މިނީ ބަހެވެ. އެއީ ލ. ގުޅިފައިވާ ރަށްތަކަށް 4 ބަހާއި އިސްދޫ-ކަލައިދުއަށް 2 ބަހެވެ.

ފުވައްމުލަކާއި އައްޑޫ ސިޓީއަށް ވަނީ ކަނޑައެޅާފައިވާ އަދަދަށް ބަސްތައް ފޮނުވާފައެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، ބަސްތައް ފޮނުވުމުގައި ލަސްތަކެއް ދިމާވީ، މޫސުން ތަންނުދިނުމުގެ ސަބަބުންކަމަށެވެ.

ނަމަވެސް ބަސްތައް ފޮނުވުމުގެ ކުރިން، މި ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތަކާއި އިންތިޒާމްތައް، ރަށްތަކުގައި ވަނީ ހަމަޖައްސާފައެވެ.

އެމް.ޓީ.ސީ.ސީން ވަނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ހަމަޖެހިއްސުމާއި، ކައުންސިލްތަކުގެ ލަފަޔާއެކު ބަސްތައް މަޑުކުރާނެ ސަރަޙައްދުތައްވެސް ހަމަޖައްސާފައެވެ. ބަސް ދަތުރުތަކަށް ރޫޓްތައް ހަމަޖެއްސުމުގައި ބަލާފައިވަނީ، އެންމެ ގިނައިން މީހުން ޚިދުމަތްތައް ހޯދުމަށްދާ ސަރަޙައްދުތަކާއި އަދި ދަތުރުކުރަންޖެހޭ ސަރަޙައްދުތަކަކަށެވެ.


އެމް.ޓީ.ސީ.ސީން މިހާރު ވަނީ ބަސްތައް ދުއްވާނެ ޑްރައިވަރުންނާއި، އަދި ކްރޫއިން ހަމަޖައްސާފައެެވެ. އަދި އެމީހުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ރަށްތަކުގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. މިނީ ބަހުގެ ޚިދުމަތުގެ އަގުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިނީ ބަސްތައް ފަރުމާކޮށްފައިވަނީ ރަށްރަށުގެ ހަނި ގޯޅިތަކުގައިވެސް ދުއްވޭ ސައިޒަށެވެ. މި ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. ބަސްތައް ފަރުމާކޮށްފައިވަނީ ފުރުޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހައިން ބަހަށް އަރާ ފޭބޭނެ ގޮތަށެވެ.

މިނީ ބަހުގެ ޚިދުމަތް މާލޭގައި ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ. މިކަމުގެ އިންތިޒާމްތައް މިހާރު އަންނަނީ ހަމަޖައްސަމުންނެވެ. މިނީ ބަހުގެ ޚިދުމަތަށް ޖުމްލަ 36 ބަސް ވަނީ ގެނެސްފައެވެ. މީގެ ތެރެއިން މާލޭގައި މި ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 12 ބަސް ބޭނުންކޮށްގެންނެވެ.