ވިޔަފާރި

މަޓީގެ 26 ވަނަ އަހަރީ އާއްމު ޖަލްސާ ބާއްވައިފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ 26 ވަނަ އަހަރީ އާއްމު ޖަލްސާ ބާއްވައިފިއެވެ.

މިއަދު ދަރުބާރުގެ ދޮށިމޭނާ މާލަމްގައި ކުރިއަށްދިޔަ މަޓީގެ އަހަރީ އާއްމު ޖަލްސާގައި އެ ޖަމިއްޔާގެ 65 މެމްބަރުން ބައިވެރިވެފައިވެއެވެ.

މި ޖަލްސާގައި މަޓީއިން ވަނީ އެ ޖަމްޢިއްޔާއިން އަލަށް ނެރެން ފަށާ ނިއުސް ލެޓަރ އިފްތިތާޙް ކޮށްފައެވެ. 'މަޓީ މެޓަރސް' ގެ ނަމުގައި އަހަރަކު 4 ފަހަރު ނެރުމަށް ހަމަޖެހިފައިވާ މި ނިއުސް ލެޓަރގައި މަޓީއިން ކުރިއަށްގެންދާ ހަރާކަތްތަކުގެ މައުލޫމާތުތަކާއި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި އެކި އެކި މަޢުލޫމާތުތައް ހިމެނޭނެ ކަމަށް މަޓީއިން މައުލޫމާތުދެއެވެ.

މިއަދު ކުރިއަށްދިޔަ އަހަރީ އާއްމު ޖަލްސާގައި ވަނީ މަޓީގެ ބޯޑް މެންބަރުން އިންތިޚާބްކޮށްފައެވެ.  މަޓީގެ ޗެއަރމަންކަމުގެ މަޤާމަށް މިއަހަރުވެސް އިންތިހާބްވެފައިވަނީ  މުހައްމަދު އުމަރު މަނިކެވެ. ޔުނިވާސަލް ކުންފުނީގެ ހިއްސާދާރު، މުހައްމަދު އުމަރު މަނިކުވަނީ މި މަޤާމު މިދިޔަ 2 އަހަރުވެސް ފުރުއްވާފައެވެ.

ވައިސް ޗެއަރމަންކަމުގެ މަޤާމުތަކަށް އިންތިހާބްވީ، ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް އިބްރާހީމާއި، ޗަމްޕާ ކުންފުނީގެ ހިއްސާދާރު، ހުސައިން އަފީފެވެ. މީގެ އިތުރުންވެސް ބޯޑުގެ އިތުރު 12 މަޤާމަކަށް މެންބަރުން އިންތިހާބު ކޮށްފައިވެއެވެ. އަދި މަޓީގެ އަހަރީ އާންމު ޖަލްސާގައިވަނީ މިއަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށް، ނިމިދިޔަ އަހަރުގެ މާލީ ހިސާބުތައް އާންމުކޮށްފައެވެ.

1984 ވަނަ އަހަރު އުފައްދާފައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ ގެ މެންބަރުންގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުން ހުރި އެކި އެކި ދާއިރާތަކުގެ ފަރާތްތައް ހިމެނެއެވެ.