ޚަބަރު

ކެންޓަކީގައި ފެންބޮޑުވެ 8 މީހުން މަރުވެއްޖެ


އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ކެންޓަކީއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި އަށް މީހުން މަރުވެއްޖެއެވެ. ކެންޓަކީގައި ފެންބޮޑުވެފައި ވަނީ، އެ ސްޓޭޓްގެ އިރުމަތީގެ ސަރަޙައްދުތަކަށް އެރި ތޫފާންތަކަކާ ގުޅިގެން ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުންނެވެ.

ފެންބޮޑުވުމާ ގުޅިގެން އެ ސްޓޭޓްގެ ހަ ކައުންޓީއެއްގައި ކުއްލި ހާލަތު އިޢުލާނު ކުރައްވައި، ގަވަރުނަރު އެންޑީ ބެޝިއަރ ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ. މިއީ، ކެންޓަކީގެ ތާރީޚުގައި ވެސް އެ ސަރަޙައްދުގެ މޫސުން މިހާ ބޮޑަށް ގޯސްވި ފުރަތަމަ ފަހަރު ކަމުގައި އޭނާ ވިދާޅުވިއެވެ.

ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ތެރޭގައި 81 އަހަރުގެ އަންހެނެއް ވެސް ހިމެނެއެވެ. އަދި، ބައެއް މީހުން ގެއްލިފައިވާ ކަމަށާއި، އެ މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެ ސްޓޭޓްގެ އޮފިޝަލުން ބުނެއެވެ.

ފެންބޮޑުވުމާ ގުޅިގެން ކެންޓަނީގެ 24,000 އަށްވުރެ ގިނަ ގޭބީސީއަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. އަދި، އެތައް ސަތޭކަ ބަޔެއްގެ ގެދޮރު ހަލާކުވެފައިވާ ކަމަށް އެ ސްޓޭޓްގެ ގަވަރުނަރު ވިދާޅުވިއެވެ. ފެންބޮޑުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރަން އަހަރުތަކެއް ހޭދަވާނެ ކަމަށް ބެލެވެއެވެ.

ފެންބޮޑުވުމާ ގުޅިގެން ގެތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަންދުވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ނޭޝަނަލް ގާޑާއި ފުލުހުން ވަނީ މަސައްކަތް ފަށާފައެވެ. އަދި، މީހުން ސަލާމަތް ކުރުމަށް ހެލިކޮޕްޓަރާއި ބޯޓުތައް ދަނީ ބޭނުން ކުރަމުންނެވެ.

މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ކަމްބަލެންޑް ފަރުބަދަ ކައިރީގައިވާ ރަށްތަކަށް މި ހަފުތާ ބަންދުގައި އިތުރަށް މޫސުން ގޯސްވާނެ ކަމަށާއި، ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ.