ޚަބަރު

ރަޝިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 11,000އަށް


ރަޝިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 11,000 އިން މައްޗަށް އަރައިފިއެވެ. ޖުލައި 28 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ރެކޯޑު ކުރެވިފައި ވަނީ 11,515 ގައެވެ. މިއީ، އޭޕްރިލް 13ގެ ފަހުން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާ މަތިން ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ.

އެ ޤައުމުގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 18.5 މިލިޔަނަށް އަރައެވެ. އަދި، 800,000 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. ޖުލައި 27 ވަނަ ދުވަހު އިތުރު ފަސް މީހަކު މި ބަލީގައި މަރުވިއެވެ. ނަމަވެސް، މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ މެދު އެ ޤައުމުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރިން އަޅާފައި އޮތް ފިޔަވަޅުތައް އެ ޤައުމުން ވަނީ މި މަހުގެ ކުރީކޮޅު ދޫކޮށްލާފައެވެ. ލުއިދީފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މާސްކު އެޅުން ވެސް ހިމެނެއެވެ.

ބަލިމަޑުކަމުގެ ވަރަށް ކުރީކޮޅުގައި ރަޝިޔާއިން ވަނީ މި ބައްޔާ ދެކޮޅަށް ވެކްސިނެއް އުފައްދާފައެވެ. ނަމަވެސް، ސަރުކާރަށާއި މިފަދަ ޞިއްޙީ ދާއިރާގެ ކުރިއެރުންތަކަށް އެ ޤައުމުގެ ގިނަ ރައްޔިތުން އިތުބާރު ކުރާ މިންވަރު ދަށެވެ. އަދި، ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ އެ ޤައުމުގެ އާބާދީގެ އެންމެ 52 އިންސައްތަ މީހުންނެވެ.