ހއ. ހޯރަފުށީގައި ޖުވެނައިލް ޖަސްޓިސް ޔުނިޓެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އެ ސަރަޙައްދުގައި ހަދާ މިފަދަ ފުރަތަމަ ހާފްވޭ ހައުސްއެވެ.
ހޯރަފުށީގައި އަޅާ ޖުވެނައިލް ޖަސްޓިސް ހާފްވޭ ހައުސްގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ. ހާފްވޭހައުސް އެޅުމަށް 10،000 އަކަފޫޓުގެ ބިމެން، ހޯރަފުށި ކައުންސިލުން ވަނީ ދޫކޮށްފައެވެ.
ހޯރަފުށީގައި އަޅާ ހާފްވޭ ހައުސްގެ މަސައްކަތް ހޯމް މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއެވެ.
މި މަސައްކަތަކީ އެކި ކުށްކުށުގައި ދަޢުލަތުގެ ބެލުމުގެދަށަށް ގެންނަ، 18 އަހަރުން ދަށުގެ ކުޑަކުދިން ބޭތިއްބުމަށް ހަދާ ތަނެކެވެ.
މި މަސައްކަތް ފެށުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ޤައުމުގައި އަމަން އަމާންކަން ކަށަވަރުވެ، ހަމަޖެހުމާ މަސްލަހަތު ޤާއިމްވެ، ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނީ އެ މުޖުތަމަޢުއެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަކަމުގެ މައްޗަށް ކަމަށެވެ. އަދި އޭގެ މައްޗަށް މުޖުތަމަޢު ބިނާކުރެވިފައިވާ ޝަރުޢީ އަދި ޤާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއްނަމަ، އެ މުޖުތަމަޢުއަކީ ފުރިހަމަ ފާގަތި މުޖުތަމަޢުއަކަށް ވެގެންދާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މި މަސައްކަތް މުޅިން ނިންމާ އަންނަ އަހަރުގެ ކުރީކޮޅު ހާފްވޭ ހައުސްގެ ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ މިކަމަށް ބޭނުންވާ އިމާރާތް މިއަހަރުގެ ފަހުކޮޅަށް ނިންމުމަށެވެ.
ހާފްވޭ ހައުސްގެ އެންމެ ބޮޑު ބޭނުމަކީ، ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާ ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދިނުމެވެ.
ޖުވެނައިލް ޖަސްޓިސް ނުވަތަ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުންދަނީ މުހިންމު ގިނަ މަސައްކަތަކެއް ކުރަމުންނެވެ.
އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ، ކުށްތަކުގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއްމު ނިޒާމުގެތެރެއިން ތަޢުލީމު ދިނުމަށް އެކަމަށް ބޭނުންވާ ކްލާސްރޫމް އައްސޭރި ޖަލުގައި ހަދާފައެވެ. މިތަނުން މިއަހަރުގެ ދިރާސީ އައު އަހަރާއެކު ކިޔަވައިދޭން ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.