ޚަބަރު

އަމާޒަކީ ދަރުމަވަންތަ ސްކޫލުގެ މަސައްކަތް މިއަހަރަށް ނިންމުން - އެޑިއުކޭޝަން


ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތްކުރަނީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.

މި މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު އެޑިއުކޭޝަން މިނިސްޓްރީން ސޮއިކޮށްފައިވަނީ 4 ފެބްރުއަރީ 2020 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަމަ އެ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެކުންފުނިން ވަނީ ފަށާފައެވެ. އެހެންނަމަވެސް، އިމާރާތުގެ ކުރެހުމުގައި ބޮޑެތި މައްސަލަތަށް ހުރުމުން، ރީޑިޒައިނިންގ ދިގުލައިގެން ދިއުމާއި، އެ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މި މަޝްރޫޢުގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިގެންދިޔައެވެ.

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މަޑުޖެހިފައިއޮތުމަށްފަހު މިހާރު އެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރަމުންނެވެ. އެގޮތުން ސްކޫލުގެ އިމާރާތަށް ބޭނުންވާ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއް ނިމި، ފިނިޝިންގގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން މަސައްކަތްކުރީ މިއަހަރުގެ ދިރާސީ އައު އަހަރާއެކު އެތަނުގައި ކިޔަވައިދޭން ފެށުމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ލަސްވަނީ އެ މަޝްރޫޢަށް ބޭނުންވާ ބައެއް ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް ކޮންޓްރެކްޓަރ މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމުމަށްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ސްކޫލު ހިމެނޭ ސަރަހައްދުގައި ގައިދީން ބަހައްޓާ ޖަލެއްވެސް ހުރުމާއެކު، އެކަމުގެ ކަންބޮޑުވުން އާއްމުންނާއި ބެލެނިވެރިން ފާޅުކޮށްފައިވެއެވެ. ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިންމާ، އެތަނުގައި ކިޔަވައިދޭން ފަށަންވާއިރަށް އެ ސަރަޙައްދުގައި ހުރި ޖަލު، ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އަންނަނީ ކުރަމުންނެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އިމާރާތްކުރާ ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތްތައް އެސް.ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ. މިއީ 1000 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އަލަށް އިމާރާތްކުރާ ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތަކީ ވަށާޖެހޭ ތަޢުލީމެއްދެވޭ އެއް ދަންފަޅިއަށް ހިންގާނެ ސްކޫލެކެވެ.

މި ސްކޫލުގެ ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެގޮތަށް 41 ކްލާސްރޫމް ހުންނާނެއެވެ. އަދި ޕްރައިމަރީއާއި ސެކަންޑަރީއަށް ޚާއްސަކޮށްގެން 2 ބުރީގެ ލައިބްރަރީއެވެސް ހުންނާނެއެވެ. މީގެއިތުރުންވެސް ސްކޫލުގައި ކިޔަވައިދިނުމަށް ބޭނުންވާ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި، ކުޅިވަރާއި އިތުރު ހަރަކާތްތައް ހިންގޭނެ ވަޞީލަތްތައްވެސް މިތަނުގައި ހުންނާނެއެވެ.

ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަކަމުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތައް ޙައްލުކުރުމަށް އެސްކޫލް ދެބައިކުރުމަށްފަހު މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އުފެއްދި ސްކޫލެކެވެ.

އެތަން ބާވެ ބޭނުންނުކުރެވޭވަރުވުމުގެ ސަބަބުން 2016 ވަނަ އަހަރު ވަނީ އެސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާއި އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައި ކިޔަވިދޭންފަށާފައެވެ.