ކުޅިވަރު

ފަރުހަތުގެ އަގުވަޒަންކޮށް ދުނިޔޭގެ ކްރިކެޓް ޖަމުއިއްޔާއިން ޚާއްސަ އެވޯޑެއް


މިލާން ކްރިކެޓް އެކެޑަމީގެ ކޯ-ފައުންޑާ އަދި ރާއްޖޭގެ ކްރިކެޓަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަރުހަތު ޖަލީލުގެ ޚިދުމަތުގެ އަގުވަޒަންކޮށް، ދުނިޔޭގެ ކްރިކެޓުގެ މައި ޖަމުއިއްޔާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ޚާއްސަ އެވޯޑެއް ދީފިއެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމުގައި ކުރިއަށްދިޔަ އައިސީސީގެ އަހަރީ ކޮންގްރެސްގައި ފަރުހަތުގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލެވެ.

"ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަވަމުން ފަރުހަތު ވިދާޅުވީ ދުނިޔޭގެ ކްރިކެޓުގެ މައި ޖަމުއިއްޔާއިން އޭނާގެ މަސައްކަތުގެ އަގުވަޒަންކުރުން އެއީ ލިބުނު އުފަލަކާއި ޝަރަފެއް ކަމަށެވެ. އަދި މިއީ ކުޅިވަރަށް ޚިދުމަތް ކުރަމުން އަންނަ ފަރާތަކަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށްވެސް ވިދާޅުވިއެވެ.

ފަރުހަތު ވިދާޅުވީ މިވޭތުވެދިޔަ 40 އަހަރުގެ ދިގު މުއްދަތުގައި ކްރިކެޓަށް ޚިދުމަތްކުރަމުން ގެންދިޔައީ އަމިއްލަ ކަމެއްގައި ދެކިގެން ކަމަށާއި، ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން އޭނާ ދެކެމުން އަންނަ ހުވަފެނަކީ ކްރިކެޓަށް ޚާއްސަ ރަނގަޅު ޓާފް ދަނޑެއް މާލެ ސަރަހައްދުގައި އެޅިގެން ދިޔުންކަމަށްވެސް ވިދާޅުވިއެވެ.

ކްރިކެޓް އާއިލާއަކަށް އުފަން ފަރުހަތު ވަނީ މިދިޔަ އޮކްޓޯބަރު މަހު ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންގެ ގުޅުން ބަދަހި ކުރުމާއި ދިވެހި ކްރިކެޓުގެ ތާރީޚުގެ މުހިންމު ހަނދާންތައް އެއްތަނަކުން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ކްރިކެޓް ލޯންޖެއްވެސް ހުޅުވާފައެވެ. މި ލޯންޖަށް ދީފައިވާ ނަމަކީ އޭނާގެ ބައްޕަ އަދި ކްރިކެޓަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި އަޙްމަދު ޖަލީލަށް ނިސްބަތްކޮށް "ޖަލީލް މާލަން" ގެ ނަމުންނެވެ.

ރާއްޖޭގެ ކްރިކެޓަށް ވޭތުވެމިދިޔަ 40 އަހަރު ފަރުހަތުގެ އެހީތެރިކަން އެކި ގޮތްގޮތަށް ލިބިގެންދިޔައެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ގައުމީ ކްރިކެޓް ޓީމަށް ކުޅުންތެރިން ނެރެދިނުމުގެ މަގުސަދުގައި މިލާން ކްރިކެޓް އެކެޑަމީގެ ނަމުގައި 2009 ވަނަ އަހަރުގެ މާޗު މަހު އެކެޑަމީއެއް ރަޖިސްޓްރީކޮށް، އެ އެކަޑަމީން ކުޅުންތެރިން ނެރެދިނުމަށް ތަމްރީނުކުރުމެވެ. އެ އެކެޑަމީން ތަމްރީނުވެގެން ގައުމީ ޓީމަށް 8 ކުޅުންތެރިން މިހާރުވެސް ކުޅެމުން އަންނައިރު، ފަރުހަތު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިތުރު ކުޅުންތެރިން ގައުމީ ޓީމުން ފެންނާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ފަރުހަތުގެ އިތުރުން ފަރުހަތުގެ ދަރިފުޅު އަޒްޔާން ފަރުހަތަކީވެސް ކްރިކެޓުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާގެ ދަރިފުޅު އަޒްޔާންއަކީ މިވަގުތު ގައުމީ ސީނިއާ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ.