ޚަބަރު

އޮތެންޓިކް ފިހާރަތަކުން ވިޔަފާރިވެރިންނަށް 28 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި


އޮތެންޓިކް މޯލްޑިވްސްއިން ވިޔަފާރިވެރިންނަށް މިހާތަނަށް 28 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހުޅުވާފައިވާ ފިހާރަތަކެކެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށް އެ ކުންފުނިން ހިންގާ ފިހާރައެކެވެ. އޮތެންޓިކް މޯލްޑިވްސްއިން މިހާރު އަންނަނީ 4 ފިރާހައެއް ހިންގަމުންނެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގައި ހުންނަ ފިހާރައާއި، ހުޅުމާލޭ ސެންޓްރޯ މޯލްއާއި މާލެއާއި ކުޑަވިނލިގިލީގެ އިތުރުން ދާދި ފަހުން އެ ކުންފުނިން ކްރޮސްރޯޑްގައި ހުޅުވި ފިހާރައެވެ.

ބީ.ސީ.ސީ.އިން ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި މިހާރު 180 އަށްވުރެ ގިނަ ސަޕްލަޔަރުން ތަކެތި ވިއްކާކަމަށެވެ. އަދި އެ ފިހަރަ މެދުވެރިކޮށް މިހާތަނަށް 28 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވިޔަފާރިވެރިންނަށް ދޫކޮށްފައިވާކަމަށް ބީ.ސީ.ސީ.އިން ވިދާޅުވެއެވެ. ބީ.ސީ.ސީގެ އަމާޒަކީ ދިވެހި އުފެއްދުންތެރިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ރަނގަޅު މާކެޓެއް ހޯދައި ދިނުންކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ބީ.ސީ.ސީއަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކޮންސަލްޓެންސީ ދިނުމާއި އެހީތެރިވެ ދިނުމުގެ މަސައްކަތް ހިލޭ ފޯރުކޮށްދެމުންނެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގެ ސަބަބުން އައު ވިޔަފާރިތައްވެސް ވަނީ އުފެދިގެން ގޮސްފައެވެ. އަދި މިކަން ކުރަމުންދިޔަ ކުދި ވިޔަފާރިތައް ވަނީ ފުޅާކޮށް ބޮޑުވެސްކޮށްފައެވެ. އޮތެންޓިކް މޯލްޑިވްސް ފުރަތަމަ ފަށައިގަނެގެން އައިއިރު 50 ވިޔަފާރިވެރިންނާއިއެކު ފަށައިގެން އައިސް މިހާރު 180 އަށްވުރެ ގިނަ ވިޔަފާރިވެރިން އެ ކުންފުންޏާއިއެކު މަސައްކަތް ކުރެއެވެ. މިއީ ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ ދިވެހި އުފެއްދުމެވެ.