ކުޅިވަރު

ރަސްވާދައިގެ ކުރިމަތިލުން ކާމިޔާބުކޮށް ނިއު ރޭޑިއަންޓް ސެމީގެ އުއްމީދުގައި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ސެމީ ފައިނަލުގެ އުއްމީދު ދަމަހައްޓައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު ގްރޫޕް ދޭއްގެ މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.

ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެ ޓީމުގެ ކުރިމަތިލުމަށް މި ފަހަރު ދީފައިވާ ނަމަކީ "ރަސްވާދަ" އެވެ. މި މެޗުގެ ކުރިން މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައެވެ. އެ މެޗުން ނިއު ރޭޑިއަންޓް ވަނީ 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. ކޯފީ އޮއުސޫގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަޙްމަދު ސުހައިލް (ބަމްޕުޗް) އެވެ. އޭގެ ފަހުންވެސް ނިއު ރޭޑިއަންޓަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު، ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ގާތްގާތުގައި އިތުރު ދެ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސުހައިލްގެ އެހީތެރިކަމާއެކު ކޯފީއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވިކްޓަރީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކުޑޫ މުޙައްމަދެވެ. މިއީ އޭރިއާ ތެރެއިން ވިކްޓަރީގެ ކުޑޫއަށް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު މެޗުގެ ފަހު ކޮޅު ވިކްޓަރީއަށް މައްސަލަތަކަކާއި ކުރިމަތިވީ މެޗުގެ 85 ވަނަ މިނެޓުގައި އެ ޓީމުގެ ހުސައިން ޝަމީމް، ނިއުގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު މެޗުގެ އިތުރު ވަގުތުގައި ނިއު ރޭޑިއަންޓުން ވަނީ ހަތަރުވަނަ ލަނޑެއް ޖަހާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ތޯރިގު ޖެބްރިންއެވެ. މިއީ އޭރިއާ ތެރެއިން ނިއު ރޭޑިއަންޓުގެ ޝަމްވީލް މުޙައްމަދަށް ވިކްޓަރީގެ ފަވާޒް ނަސީރު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ނިއު ރޭޑިއަންޓް އޮތީ ގްރޫޕް ދޭއްގެ އެއްވަނައިގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ތިންވަނައިގައި ވިކްޓަރީ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.