ޚަބަރު

ފާމަސީ އެސިސްޓަންޓުންގެ ގޮތުގައި 401 މީހުން ތަމްރީންކޮށްފި


ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ފާމަސީ އެސިސްޓެންޓުން އުފެއްދެވުމަށް ހިންގެވި ޚާއްޞަ ޕްރޮގްރާމްގެ ދަށުން 401 ދަރިވަރުން ތަމްރީން ކުރެވިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ، އެސް.ޓީ.އޯއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުޅުވި ފާމަސީތަކުގައި ހުރި ވަޒީފާތަކަށް ބޭނުންވާ ވަރަށް މީހުން ތަމްރީން ކުރެއްވުމަށްޓަކައި ޓިވެޓާއި އެޑިއުކޭޝަން މިނިސްޓްރީން ހިންގެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށްވަނީ ހަމަޖައްސަވާފައެވެ. މިއީ ސަރުކާރުގެ މުހިއްމު ވަޢުދެއް ކަމުގައިވާ 94000 ވަޒީފާ އުފެއްދެވުމާއި ގުޅިފައިވާ މުހިއްމު ތަމްރީނެކެވެ. ފާމަސީ އެސިސްޓެންޓް ކޯހަކީ އެސް. ޓީ. އޯ. އިން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުޅުވި ފާމަސީތަކުގައި ހުރި ވަޒީފާތަކަށް ބޭނުންވާ ވަރަށް މީހުން ތަމްރީނުކުރެއްވުމަށްޓަކައި ހިންގެވި ޕްރޮގްރާމެކެވެ. ޖުމްލަ 701 ބައިވެރިން ފާމަސީ އެސިސްޓެންޓް 2 ކޯހެއްގައި ބައިވެރިވެފައިވާކަމަށާއި މީގެ ތެރެއިން ގިނަ ކުދިން ބައިވެރިވެފައިވަނީ ނެޝަނަލް ސެޓްފިކެޓް ލެވެލް 4 ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ލެވެލް 3 ނިންމާ ކުދިން ސެޓްފިކެޓް ލެވެލް 4 ހެދުމުގެ ފުރުޞަތު ދެވިފައިވެއެވެ.ރަސްމިއްޔާތުގައި ދަސްވެނިވެގެން ޖުމްލަ 401 ދަރިވަރަކަށް ސަނަދު ދެވިގެންދާނެ. މީގެ ތެރެއިން ގިނަ ދަރިވަރުން ޙާޞިލުކޮށްފައިވަނީ ނެޝަނަލް ސެޓްފިކެޓް ލެވެލް 4 ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ޓިވެޓް އޮތޯރިޓީގެ ސީއީއޯ އަބްދުލް ހަންނާން ވަޙީދު ވިދާޅުވީ މި ކޯހުގައި ތަމްރީނު ދެއްވާފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީތެރިކަމާއެކު ކޯހުގެ ބައިވެރިން ދިރިއުޅޭ ރަށްރަށުގައި ތިބެގެންކަމަށެވެ. އަދި ކޯހުން ފާސްވުމަށްޓަކައި ތިއަރީ އަދި ޕްރެކްޓިކަލް އިމްތިޙާން ދެވުނުކަމަށް ވިދާޅުވިއެވެ. ކޯސް ނިންމި ގިނަ ފަރާތްތައް މިހާރު ވެސް ތިބީ އެސް، ޓީ. އޯ. ގެ ފާމަސީތަކާއި އެހެން ފާމަސީތަކުގެ ވަޒީފާގައިކަން ޓިވެޓް އޮތޯރިޓީން ފާހަގަކުރެއެވެ.