ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބީޖީ ސްޕޯޓްސް ކުލަބު އަތުން އެލްޓީ ސްޕޯޓްސް ކުލަބު މުހިންމު މޮޅެއް ހޯދައިފިއެވެ.
އާދީއްތަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ގްރޫޕް ދޭއްގައި ހިމެނޭ އެލްޓީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 15 ވަނަ މިނެޓުގައި އެލްޓީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އާދަމް ލަރީފް (ރޮނާ) އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައިވެސް އެލްޓީއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ބޭރުން އެ ޓީމުގެ ހަފީޒް މުޙައްމަދު ފޮނުވާލި ހަމަލާ ބީޖީގެ ގޯލްކީޕަރު އަބްދުލް މަޖީދު ވިޝާން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އެކަމަކު މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެލްޓީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އިސްމާޢީލް ވިފާގުގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮނާއެވެ. މި ލަނޑަށްފަހުވެސް އެލްޓީއަށް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބުނުއިރު، މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިފާގެވެ.
މި މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބީޖީގެ މުޙައްމަދު ޝަފްރާޒް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ބީޖީގެ މުޙައްމަދު ނާއިލަށް ކުރި ފައުލަކާއި ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މޮޅާއެކު ގްރޫޕް ދޭއްގެ ދެވަނައިގައި އެލްޓީ އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އަދި މި މެޗުން ބަލިވި ބީޖީ އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު ދެ މެޗުންވެސް ބަލިވެ، އަދި މިހާތަނަށް ޕޮއިންޓެއް ނުލިބިއެވެ.
ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.