ޚަބަރު

ސަރުކާރުގެ ވިސްނުމަކީ ހުޅުމާލޭގައި ސްކޫލްތައް އިމާރާތްކުރުން


ސަރުކާރުގެ ވިސްނުންފުޅަކީ، މާލޭގައި އިތުރު ސްކޫލްތަކެއް ޢިމާރާތްކުރެއްވުމުގެ ބަދަލުގައި ހުޅުމާލޭގައި ސްކޫލްތައް އިމާރާތްކުރެއްވުންކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުވެސް ހުޅުމާލޭގައި ވަނީ އަލަށް ސްކޫލެއް ޢިމާރާތްކުރައްވައި ކިޔަވައިދެއްވަން ފަށްޓަވާފައެވެ. އަދި މިއަހަރުވެސް އިތުރު ސްކޫލެއް ޢިމާރާތްކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޢު ވިދާޅުވީ، ހުޅުމާލޭގައި އަލަށް ބިނާކުރައްވާ ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށް ޚާއްޞަ ކުރައްވައިގެން ހުޅުމާލޭގައި އަޅުއްވަން ހަމަޖެހިފައިވާ ސްކޫލް ފަރުމާކުރެއްވުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަގެންދަވާކަމަށެވެ. އަދި ޑިޒައިން ފައިނަލްވުމުން ކޮންޓްރެކްޓަރަކާ މަސައްކަތް ޙަވާލުކުރައްވާ ސްކޫލްގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ޝަފީޢު ވިދާޅުވިއެވެ. ޝަފީޢު ވިދާޅުވީ ހުޅުމާލޭގައި ބިނާކުރައްވާ ސްކޫލްގެ މަސައްކަތް ކުރިއަށް ގެންދަވާނީ އެޗްޑީސީ އިން އެކަމަށް ބޭނުންވާ ފައިސާ ޚަރަދުކޮށްގެންކަމަށާއި، އެހެންނަމަވެސް އެފައިސާ ސަރުކާރުން ދިގުމުއްދަތަކަށް އެކުންފުންޏަށް ދެއްވާނެކަމަށެވެ. މީގެ އިތުރަށް ހުޅުމާލޭގައި ތުރުކީ ކުންފުންޏަކުން ހިންގަމުންދާ ލާލޭ އިންޓަރނޭޝަނަލް ސްކޫލް ހިންގަމުންދާ ފަރާތަށް އިތުރު ސްކޫލެއް ޢިމާރާތްކުރެއްވުމަށްޓަކައި ހުޅުމާލެއިން ބިމެއް އެފަރާތާ ޙަވާލުކުރައްވާފައިވާ ކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ. ހުޅުމާލޭގައި ލާލޭ އިންޓަރނޭޝަނަލް ސްކޫލާއި، ޣާޒީ ސްކޫލް އަދި ރެހެންދި ސްކޫލްގައި މިހާރުވެސް ގްރޭޑް އެކަކުން ފެށިގެން ދަނީ ކިޔަވައިދެމުންނެވެ. ޢުމްރާނީ ވަޞީލަތްތައް ސްކޫލްތަކުގައި ޤާއިމުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސް އެކި މަޝްރޫޢުތަކަށް 300 މިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހޭދަކުރައްވާފައެވެ.