ޚަބަރު

ޑަބްލިއުޑީސީ ބައި އިލެކްޝަން: ހިތަދޫ ގޮނޑި ޕީޕީއެމްއަށް، ވަންދޫ ގޮނޑި އެމްއެންޕީއަށް


އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދިޔަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ތ.ވަންދޫ ބައި-އިލެކްޝަން މޯލްޑިވްސް ނެޝެނަލް ޕާޓީގެ ކެނޑިޑޭޓު، އަދި އައްޑޫ ސިޓީ ހިތަދޫގެ ބައި-އިލެކްޝަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެނޑިޑޭޓު ކާމިޔާބުކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ދާއިރާ އަދި ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ.

މި 2 ރަށުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ކާމިޔާބުކޮށްފައިވަނީ ޕީ.ޕީ.އެމްގެ ފަރާތުން ވާދަކުރި ކެނޑިޑޭޓު ނަންބަރު 2، ފާޠިމަތު ނަޒީޙާ އަޙްމަދެވެ. އޭނާ މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އެމް.ޑީ.ޕީގެ ކެނޑިޑޭޓު އާމިނަތު ޝާހިދާއާއި ވާދަކޮށްގެންނެވެ. އިލެކްޝަންސްގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީ.ޕީ.އެމްގެ ކެނޑިޑޭޓަށް 567 ވޯޓު ލިބުނުއިރު، އެމް.ޑީ.ޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 426 ވޯޓެވެ.

މި ދާއިރާއަށް ވޯޓު ދިނުމުގެ ޙައްޤު 12099 މީހަކަށް ލިބިފައިވާއިރު، އޭގެ ތެރެއިން ވޯޓު ލާފައިވަނީ އެންމެ %8.34 މީހުންނެވެ. އެއީ 1009 ވޯޓެވެ. މީގެ ތެރޭގައި ޞައްޙަ 993 ވޯޓަކާއި، ބާޠިލު 16 ވޯޓެއް ހިމެނެއެވެ.

ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އެމް.ޑީ.ޕީގެ ކެނޑިޑޭޓު ޝިރުމީނާ ޢަލީއާއި ވާދަކޮށް އެމް.އެން.ޕީގެ ކެނޑިޑޭޓު ނަންބަރު 1، ޚަދީޖާ މުޙައްމަދު މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 29 ވޯޓުގެ ތަފާތަކުންނެވެ. އިލެކްޝަންސްގެ ވަގުތީ ނަތީޖާދައްކާގޮތުން އެމް.އެން.ޕީގެ ކެނޑިޑޭޓަށް ލިބުނީ 114 ވޯޓެވެ. އަދި އެމް.ޑީ.ޕީގެ ކެނޑިޑޭޓަށް ލިބުނީ 85 ވޯޓެވެ.

މި ދާއިރާއަށް 298 މީހަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާއިރު، 203 މީހަކު ވަނީ ވޯޓުލާފައެވެ. އެއީ %68.12 އެވެ. މީގެ ތެރޭގައި ޞައްޙަ ވޯޓުގެ ގޮތުގައި 199 ވޯޓަކާއި، ބާޠިލު ވޯޓުގެ ގޮތުގައި 4 ވޯޓެއް ހިމެނެއެވެ.