ޚަބަރު

އިހަވަންދޫއާއި ހިންނަވަރުގެ އައު ހޮސްޕިޓަލްގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަނީ


ހއ. އިހަވަންދޫއާއި ޅ. ހިންނަވަރުގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އަލުން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ވިދާޅުވީ، މި މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބިޑްކުރުމަށް ކުރިިން ކުރި އިޢުލާން ބާޠިލުކޮށްފައިވާކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

މި ދެ ރަށުގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރުމަށް ފުރަތަމަ އިޢުލާންކުރީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. ފިނޭންސް މިނިސްޓްރީއިން އިޢުލާންކޮށްފައިވަނީ އިހަވަންދުއާއި، ހިންނަވަރު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކޮށްދޭނެ ބަޔަކު ހޯދުމަށެވެ. މިއިން ކޮންމެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 690000 (ހައްލަ ނުވަދިހަ ހާސް) ރުފިޔާ ހުށައަޅަން ޖެހޭނެއެވެ.

މިއަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ 26 ރަށެއްގައި ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާކަން ހާމަކުރައްވާ، އެ ރަށްތަށް އިޢުލާންކޮށްފައެވެ. މީގެތެރޭގައި އިހަވަންދޫއާއި ހިންނަވަރުވެސް ހިމެނެއެވެ. އިހަވަންދޫ އަދި ހިންނަވަރުގައިވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ.

އަލަށް ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ މަޝްރޫތަކުގައި ގިނައިން ހިމެނެނީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ. 26 ރަށުގެ ތެރެއިން 6 ރަށެއްގައި އަޅާނީ 50 އެނދުގެ ހޮސްޕިޓަލްތަކެވެ. މީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ބީލަމުގެ މަރުޚަލާގައި އުޅޭއިރު، މިއަހަރުގެ މޭ މަހު ވަނީ 4 ރަށެއްގެ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ.

ސިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، އަތޮޅުތަކުގައި ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތަކުގައި މިހާރު ޚިދުމަތް ދެމުންދާ، އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކޮށް ބައެއް ހޮސްޕިޓަލްތައް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުންވެސް ކުރިއަށްދެއެވެ.

މިހާރު ވަނީ ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ ބައެއް ހޮސްޕިޓަލްތަކުގެ ޢަމަލީ މަސައްކަތްތައް ފަށާފައެވެ. އެގޮތުން ރ .އުނގޫފާރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްވެސް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ.

ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ ހޮސްޕިޓަލްތަކުގެ ތެރެއިން، ބައެއް ހޮސްޕިޓަލްތައް ޚާއްސަ ދާއިރާތަކުގެ ފަރުވާއަށް ޚާއްސަކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން ލ. ގަން ރީޖަނަލް ހޮސްޕިޓަލް ކެންސަރ ފަރުވާއަށް ޚާއްސަކުރުމާއި، އައްޑޫ ސިޓީގެ ހޮސްޕިޓަލް ނަފްސާނީ ބަލިތަކަށް ޚާއްސަ ކުރުމާ ފުވައްމުލަށް ހޮސްޕިޓަލްގައި ކުޑަކުދިންގެ ބަލިތަކުގެ ފަރުވާއަށް ޚާއްސަކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.