ކުޅިވަރު

ރަސްވާދަ - ގަލޮޅު ދަނޑަށް އެނގުންވާނެ


ގައުމީ ފުޓްބޯޅަ ދަނޑު ނުވަތަ ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަންނަ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ދިވެހިންގެ އެއް ނަންބަރު ކުޅިވަރު ފުޓްބޯޅަ މިއަދު މިއޮތް ހާލަތަށް ދާން ޖެހުނީވެސް ކުޅިބަލަން އަންނަ ސަޕޯޓަރުންގެ އަދަދު މަދުވުމުން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އަނެއް ކޮޅުން މިދިޔަ ތިން އަހަރު ވެގެންދިޔައީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ދެ ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާދި ވިކްޓަރީ ސްޕޯޓްސް ކުލަބަށް ބަނަ ތިން އަހަރަށެވެ. ކުޅުންތެރިންނަށް މުސާރަ ނުދިނުމާއި ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއު ރޭޑިއަންޓް އަދި ވިކްޓަރީވެސް ސަސްޕެންޑް ކުރީއެވެ. އެއާއެކު އެ ދެ ކުލަބަށް ޖެހުނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ދުވަސްކޮޅަކަށް މަޑު ޖެހިލާށެވެ.

މިސްރާބެއް ނެތި އެ ދެ ކުލަބުގެ އަޑު ފަނޑުވެގެންދިޔައިރުވެސް ތަކުރާރުވި އެއް ވާހަކައެއް އެބައޮތެވެ. އެއީ އެ ދެ ކުލަބު އަލުން ފުޓްބޯޅައިގެ ހަރަކާތްތަކުން ފެނިއްޖެ ކަމުގައިވަނީނަމަ، ގަލޮޅު ދަނޑަށް އެނގުންވާނެ ކަމަށް ބުނާ ބުނުމެވެ. އެއާއެކު މި އަހަރުގެ ކުރީކޮޅު އެ ދެ ކުލަބުގެ ސަޕޯޓަރުންނަށްވެސް އުފާވެރި ޚަބަރެއް ލިބުނެވެ. އެއީ ދަރަނި ދައްކައި، ދެ ކުލަބުންވެސް އަލުން ފުޓުބޯޅައިގެ ހަރަކާތްތަކަށް ނިކުންނަށް އުޅޭކަމުގެ ވާހަކައެވެ.

އެކަމަކު ނިއު ރޭޑިއަންޓުގެ ދަރަނި ބޮޑުކަމުން އެ ކުލަބުގެ މިހާރުގެ މެނޭޖުމަންޓުން އެންމެ ފުރަތަމަ ވިސްނީ "ރޭޑިއަންޓް" ގެ ނަމުގައި އައު ކުލަބެއް ހަދައި، ނުލާއި ހުދުގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނައުމަށެވެ. ނަމަވެސް ފަހުން އެކަން ހުއްޓުނީ އޭއެފްސީން އެއީ ނިއު ރޭޑިއަންޓުގެ ސަކްސެސާ ކުލަބެއްގެ ގޮތުގައި ނިންމުމުންނެވެ. އެއާއެކުވެސް ނިއު ރޭޑިއަންޓުގެ މިހާރުގެ މެނޭޖުމަންޓުން ހިތްވަރު އެލުވާނުލައި ކުރި މަސައްކަތުގެ ނަތީޖާއަކީ ނިއު ރޭޑިއަންޓް އަލުން އެނބުރި ފުޓްބޯޅައިގެ ހަރަކާތްތަކުން ފެނިގެންދިޔުމެވެ.

ވިކްޓަރީ ސަސްޕެންޝަނަށްފަހު އެނބުރި އައީ އެ ކުލަބުން ކުޅުންތެރިންނަށް ދައްކަންޖެހޭ ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ އެފްއޭއެމް މެދުވެރިކޮށް ދެއްކުމަށްފަހުއެވެ. އަދި ނިއު ރޭޑިއަންޓުން އެނބުރި އައީ އެ ކުލަބުން ކުޅުންތެރިންނަށް ދައްކަން ޖެހޭ ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ އެފްއޭއެމް މެދުވެރިކޮށް ދެއްކުމަށްފަހުގައެވެ. އެކަމަކު އެ ދެ ކުލަބު ދެވަނަ ޑިވިޝަނަށް ރެލިގޭޓުވެފައިވަނީ ސަސްޕެންޝަނުގައި އޮތުމުގެ ސަބަބުން ފުރަތަމަ ޑިވިޝަނުގައި ވާދަނުކުރެވުމާއި ގުޅިގެންނެވެ.

ދެވަނަ ޑިވިޝަނުގައި މި ފަހަރު އެ ދެ ޓީމު ހިމެނިފައިވަނީ ގްރޫޕް ދޭއްގައެވެ. ދެ ޓީމުންވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ގްރޫޕުގެ އެއްވަނައިގައި ނިއު ރޭޑިއަންޓުން އޮތީ ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެން ލިބުނު ހަ ޕޮއިންޓާއެކުގައެވެ. އަދި ގްރޫޕުގެ ތިންވަނައިގައި ވިކްޓަރީން އޮތީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އަނެއް މެޗު އެއްވަރުވެގެން ލިބުނު ހަތަރު ޕޮއިންޓާއެކުގައެވެ.

ނިއުރޭޑިއަންޓުން ފުރަތަމަ މެޗުގައި ނުކުތީ ކުލަބު ޓީނޭޖާއި ދެކޮޅަށެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބުގެ މައްޗަށް ނިއު ރޭޑިއަންޓުން ކުރިހޯދީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މީގެ އިތުރުން ވިކްޓަރީން ފުރަތަމަ މެޗުގައި ނުކުތީ ބީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު އެ ޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެކަމަކު ދެވަނަ މެޗުގައި އެލްޓީ ސްޕޯޓްސްއާ ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި ދެ ޓީމުގެ ކުރިމަތިލުމެއް މިރޭ ފެނިގެންދާއިރު، މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައެވެ. އެ މެޗުން ނިއު ރޭޑިއަންޓް ވަނީ 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި މީގެ ކުރިން ދިވެހި ލީގުގައި މި ދެ ޓީމުން ވަނީ 27 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 14 ފަހަރު ނިއު ރޭޑިއަންޓުން ވަނީ ވިކްޓަރީގެ މައްޗަށް ކުރިހޯދާފައެވެ. އަދި ވިކްޓަރީއަށް ނިއު ރޭޑިއަންޓުގެ މައްޗަށް ކުރިހޯދުނީ އަށް ފަހަރެވެ. އަނެއް ފަސް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

ދިވެހި ފުޓްބޯޅައިގެ އެންމެ ވާދަވެރި މެޗު މިރޭ އަލުން ފެނިގެންދާއިރު، ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދެވަނަ ޑިވިޝަނުގައި މި ދެ ޓީމުން މިހާތަނަށް ކުޅުނު މެޗުތައް ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވުމެވެ. ހަމަ ޔަގީނުންވެސް "ރަސްވާދަ" މިރޭ ކުޅޭއިރު، ފުރަތަމަ ޑިވިޝަނުގެ މެޗެއްގައި ސަޕޯޓަރުން ނުފެންނަ ވަރަށް ސަޕޯޓަރުން މިރޭ ފެނިގެންދާނެކަން ކަށަވަރެވެ.

ދެވަނަ ޑިވިޝަނުގައި މިރޭ ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ. މި މެޗު "ޔެސް" ޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.