ކުޅިވަރު

މާޒިޔާއިން ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ މާޒިޔާއިން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޖުމްލަ ހަތަރުވަނަ ފަހަރެވެ. މާޒިޔާއިން އެންމެ ފުރަތަމަ ލީގު ކާމިޔާބުކުރީ 2016 ވަނަ އަހަރު އަލީ ސުޒޭނުގެ އިރުޝާދުގެ ދަށުންނެވެ. އަދި މިއީ 2015 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގަށް މި މުބާރާތް ރީބްރޭންޑް ކުރި ފަހުން، ކުލަބަކުން ޖެހިޖެހިގެން ތިން ފަހަރު ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މާޒިޔާއިން ވަނީ ދަ ގްރާންޑޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު މާޒިޔާގެ ހަސަން ނާއިޒް (ދާދު) ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒުވެފައެވެ. އޭގެ ފަހުން މެޗުގެ 38 ވަނަ މިނެޓުގައި ޓަނާ ޑޮމިންގޭޒް ނަގައިދިން ހުރަހަކުން މާޒިޔާގެ ސަމޫހް އަލީ (ސަމުއްޓެ) ބޮލުން ލަނޑެއް ޖެހި ނަމަވެސް، ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުގައި މާޒިޔާއިން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓު ވެފައިވަނިކޮށެވެ. މެޗުގެ 41 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިން މިޑްފިލްޑަރު ޓަނާއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް މާޒިޔާއިން ވަނީ ދަ ގްރާންޑޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 75 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަސަދުﷲ އަބްދުﷲ އަށެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން މެޗުގެ 82 ވަނަ މިނެޓުގައި މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ހަމަލާވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މި މޮޅާއެކު މާޒިޔާއިން ލީގު ކަށަވަރުކުރީ ބާކީ ދެ މެޗު އޮއްވައި، ކުޅުނު 19 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ތާވަލުގެ ދެވަނައިގައި އޮތް ކުލަބު އީގަލްސްއަށް 19 މެޗުން 46 ޕޮއިންޓް ހޯދާފައިވާއިރު، އީގަލްސްއިން ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރި ނަމަވެސް އެ ޓީމަށް ލިބޭނީ 52 ޕޮއިންޓެވެ. މީގެ އިތުރުން ތާވަލުގެ ފުލުގައި ދަ ގްރާންޑޭ އޮތީ އަދި މިހާތަނަށް މޮޅެއް ނުލިބި އެންމެ ޕޮއިންޓަކާއެކުއެވެ.