ޚަބަރު

ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރުކުރަނީ


ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީން ޓްރެވަލް ޑެއިލީ މީޑިއާއާއެކު ކެމްޕެއިނެއް ފަށައިފިއެވެ. މިއީ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

ޓްރެވަލް ޑެއިލީ މިޑިއާއަކީ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ޚަބަރާއި، ހިޔާލު، ދާއިރާގެ ޕްރޮފެޝަނަލުންނާ ހަމައަށް ފޯރުކޮށްދޭ އޮންލައިން މީޑިއާ ޕްލެޓްފޯމްއެކެވެ. މިގޮތުން މި ޕްލެޓްފޯމްގެ ސަބްސްކްރައިބަރުންނާއި، ކޮންޓްރިބިއުޓަރުން އޭޝިއާ، ޔޫރަޕް، އެމެރިކާ، މެދުއިރުމަތި، އަދި ޗައިނާއާއި އިންޑިއާ ފަދަ ޤައުމުތަކުގައި ތިބެއެވެ. މި ޕްލެޓްފޯމްގެ އޯޑިއަންސްގައި ހިމެނެނީ ޓްރެވަލް އަދި ޓުއަރ އެޖެންސީ، ހޮސްޕިޓަލިޓީ، އޭވިއޭޝަން، ކްރޫޒިންގް، މައިސް އަދި ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުންނެވެ.

މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ވިޒިބިލިޓީ އިތުރުކޮށް، މި މާކެޓުގައި ރާއްޖެއަށް އޮންނަ މަޤުބޫލުކަން އިތުރުކުރުމެވެ. އަދި މި މާކެޓުގެ ފަރާތްތައް ރާއްޖޭގެ ބްރޭންޑަށް އިތުރަށް އަހުލުވެރިކޮށް، ރާއްޖެއަކީ ސައުތު އޭޝިއާ މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ޤާއިމްކުރުމެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ހައިސިއްޔަތުން ރާއްޖޭގެ ތަފާތުކަން މި މާކެޓުގެ ފަރާތްތަކަށް ދެއްކުމެވެ.

މި ކެމްޕެއިންގެ ތެރެއިން ރާއްޖެއާ ބެހޭ ޕޯސްޓްތައް ޓްރެވަލް ޑެއިލީ މީޑިއާގެ ފޭސްބުކްގައި އާޓިކަލްތައް ޓްރެވަލް ޑެއިލީ މީޑިއާގެ ވެބްސައިޓު އަދި ނިއުސްލެޓަރގައި ޝާއިޢުކުރާނެއެވެ. އަދި ރާއްޖެއާ ބެހޭ ޕޯސްޓްތައް ޓްރެވެލް ޑެއިލީ މީޑިއާގެ ފޭސްބުކްގައި ޕޯޓްކުރާނެއެވެ. މި ކެމްޕެއިންގެ ޒަރިއްޔާއިން ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެކިއެކި ޕްރޮޑަކްޓްތައް ވަކިވަކިން އިޝްތިހާރުކުރާނެއެވެ.

މިއީ ސީމާކެޓަށް ހާއްސަކޮށް އެމް.އެމް.ޕީ.އާރު.ސީއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕެއިނެކެވެ. މި ސްޓްރެޓަޖީ އަކީ ރާއްޖެއަށް މި މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު ޕެންޑަމިކްގެ ކުރިން ހުރި މިންވަރަށް އިތުރުކުރުމަށް ބިނާކޮށްފައިވާ ސްޓްރެޓަޖީއެކެވެ. އަދި ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ އަދި ޓުކުރުމަށް ބިނާކޮށްފައިވާ ހަނީމޫން ފަތުރުވެރިންނަށް ހާއްސަ މަންޒިލެއް ކަމަށް އާންމުވެފައިވާ ހިޔާލު ބަދަލުކޮށް ރާއްޖޭގެ އެހެން ސެގްމެންޓުތައް ޕްރޮމޯޓްކުރުމެވެ.

މި އަހަރުގެ މިހާތަނަށް ސައުތު އީސްޓް އޭޝިއާ މާކެޓުން ރާއްޖެއަށް 18،489 ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެތެރޭގައި ޖޮއިންޓް މާކެޓިން ކެމްޕެއިން، އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތަކާއި، ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން ވެބިނާތައް ކުރިއަށް ގެންދިއުމާއި، އީ-ލާނިން ޕްރޮގްރާމްތަކާ، އެހެނިހެން ހަރަކާތްތައް ހިމެނެއެވެ.