ޚަބަރު

އޮލިމްޕަސް ސެޕްޓެމްބަރުމަހު ހުޅުވަނީ


އޮލިމްޕަސް މަރާމާތުކޮށް ޒަމާނީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތް ނިންމައި މިއަހަރުގެ ސެޕްޓެމްބަރުމަހު އެތަން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް އިން ވިދާޅުވެއްޖެއެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފައިވަނީ އިމާރާތް މަރާމާތުކޮށް، ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތެވެ. މި މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. އެގޮތުން ޓިކެޓް ކައުންޓަރަށް ބަދަލުގެނައުމާއި، ކޮރިޑޯއާއި އަދި އިމާރާތުގެ ބޭރަށްވެސް ބަދަލު ގެނެސްފައިވެއެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ އޮލިމްޕަހުގައި ބޭނުން ކުރަމުންދާ ވަސީލަތްތައް ޒަމާނީކޮށް، ފަންނުވެރިކަމުގެ އެކި ހަރަކާތްތަކަށް އޮލިމްޕަސް ބޭނުންކުރެވޭގޮތަށް ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތެކެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށީ މިއަހަރުގެ މަރޗް މަހުއެވެ.

ދެވަނަ ފިޔަވަހީގައި ހިމަނައިގެން މިހާރު ވަނީ އޮލިމްޕަހަށް ބޭނުންވާ ޕްރޮޖެކްޓަރާ ސައުންޑްް އިންސްޓޯލް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައެވެ. އަދި ފިލްމް އަޅުވާ ސްކްރީން ހޯދުމަށްވެސް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އެންސީއޭއިން ވިދާޅުވެއެވެ.

އޮލިމްޕަހުގެ ސްޓޭޖަށް ބޭނުންވާ ސައުންޑާއި ލައިޓްސް ހޯދުމަށްޓަކައި ބޭނުންވާ ތަކެތި އެސް.ޓީ.އޯ މެދުވެރިކޮށް ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ސްޓޭޖް ސައުންޑާއި ލައިޓްސްގެ ކޮންޓްރޯލް ޤާއިމް ކުރުމަށް ތައްޔާރުކުރާ ޕްލެޓްފޯމްގެ މަސައްކަތް، ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. ޕްލެޓްފޯމްގެ މަސައްކަތް މި ޖުލައި މަހުގެ ތެރޭގައި ފަށާނެކަމަށް އެންސީއޭއިން ވިދާޅުވެއެވެ.

މީގެއިތުރުން މިއުޒިކް ޕްރެކްޓިސް 3 ރޫމާ ޑާންސް ޕްރެކްޓިސް ރޫމެއްގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އޮލިމްޕަހުގައި ހިންގަމުން އައި ކެންޓީން، މަޖީދީ މަގު ފަޅިއަށް ބަދަލުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތްތަކާއެކު، އޮލިމްޕަހުގެ މަސައްކަތްތައް ނިންމާ މިއަހަރުގެ ސެމްޓެމްބަރުމަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެންސީއޭއިން ވިދާޅުވެއެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރިގޮތަށް، މިހާތަނަށް އޮލިމްޕަސް ހުޅުވާފައެއް ނުވެއެވެ. މަރާމާތުގެ މަސައްކަތްތައް ފެށީ ކޯވިޑްގެ ސަބަބުން އިމާރާތް ބަންދުކޮށްފައިވަނިކޮށެވެ.

މިހާރު ފަށާފައިވާ އޮލިމްޕަހުގެ މަރާމާތުގެ މަސައްކަތަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ވެފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ދިން އެހީގައި ކުރިއަށްގެންދާ މަސައްކަތެވެ.

އޮލިމްޕަހުގެ ޚިދުމަތް ނުފެށުމަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެވެސް ބޮޑު ކަންބޮޑުވުމެކެވެ.

އޮލިމްޕަހަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ސިނަމާއެވެ. 1959 ހުޅުވި އޮލިމްޕަހުގައި އެންމެ ފުރަތަމަ ދައްކަން ފެށީ ހިންދީ ފިލްމާއި އިނގިރޭސި ފިލްމްތަކެވެ. ދިވެހި ފިލްމް ދައްކަން ފެށީ 1980ވަނަ އަހަރުން ފެށިގެންނެވެ.