ވިޔަފާރި

އެމްޓީޑީސީއަށް 27 މިލިއަން ރުފިޔާގެ ފައިދާއެއް !


މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް މިދިޔަ
އަހަރުގެ ފަހު ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 27 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ
ޑޮލަރުން ބަލާއިރު 1.77 މިލިއަން ޑޮލަރެވެ.



އެމްޓީޑީސީން އާއްމުކޮށްފައިވާ މާލީ ހިސާބްތައް ދައްކާގޮތުން މިދިޔަ
އަހަރުގެ ފަހު ތިން މަސްދުވަހު އެމްޓީޑީސީއަށް ލިބިފައިވާ ފައިދާގެ އަދަދަކީ އެ
އަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު ފައިދާގެ އަދަދާއި އަޅާބަލާއިރު 2.4
އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ލިބިފައިވާ އާމްދަނީގެ އަދަދު ތިންވަނަ
ކުއާޓާއާއި އަޅާބަލާއިރު ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން 4 ވަނަ ކުއާޓާގައިވެސް އެމްޓީޑީސީ އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 55 މިލިއަން
ރުފިޔާއެވެ.



ހަތަރު ވަނަ ކުއާޓާގައި ލިބުނު ފައިދާގެ އަދަދު އިތުރުވެފައި މިވަނީ އެ
ކުންފުނީގެ އެޑްމިނިސްޓްރޭޓިވް ޙަރަދުތައް ކުޑަކޮށްގެންނެވެ. 

އެގޮތުން ތިންވަނަ ކުއާޓާގައި އެޑްމިނިސްޓްރޭޓިވް ޙަރަދުތަކުގެ ގޮތުގައި އެމްޓީޑީސީން 2.7 މިލިއަން ރުފިޔާ  ޙަރަދުކޮށްފައިވެއެވެ. އަދި ހަތަރުވަނަ ކުއާޓާގައި މި އަދަދު ހުރީ 2.1 މިލިއަން
ރުފިޔާގައެވެ. ތިންވަނަ ކުއާޓާގެ
ސާފު ފައިދާއިން ހިއްސާއަކަށް ޖެހެނީ 0.05 ޑޮލަރެއެވެ.