ޚަބަރު

އެމްއެމްޕީއާރުސީން އިޓަލީގައި ރާއްޖެ އިޝްތިހާރުކުރަނީ


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީއިން އިޓަލީގެ ލައިފްސްޓައިލް މަޖައްލާ "ގްރީން މީ"އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ދެމެހެއްޓެނިވި ހަރަކާތްތައް އިޝްތިހާރުކުރުމުގެ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭން ކުރިއަށްދާނީ މިމަހުން ފެށިގެން އަންނަ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ. މި ކެމްޕޭންގެ މަޤްޞަދަކީ އިޓަލީގެ މާކެޓުގެ ފަތުރުވެރިންނަށް ކަމުދާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އަލުން ހަދާ، ރާއްޖޭގައި ހިންގާ ދެމެހެއްޓެނިވި ހަރަކާތްތަކާމެދު ހޭލުންތެރިކަން އުފެއްދުމެވެ.

2009 ވަނަ އަހަރު އުފެދުނު ގްރީން މީއަކީ އިޓަލީގައި ދެމެހެއްޓެނިވި ދިރިއުޅުމަށް ޝައުގުވެރިކަން އުފައްދަން ނެރޭ އޮންލައިން މަޖައްލާއެކެވެ. މި މެގަޒިނުން އަންނަނީ ދެމެހެއްޓެނިވި ދިރިއުޅުމެއް ބައްޓަންކުރާނެ ގޮތްތަކުގެ މަޢުލޫމާތާއި، ދިރިއުޅުމުގެ ވައްޓަފާޅިތައް އިޝްތިހާރުކުރަމުންނެވެ.

މި ވެބްސައިޓަށް 10 މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާތްކޮށް، މަހުން މަހަށް ނެރޭ ނިއުސްލެޓަރަށް 70 ހާސް މީހުން ސަބްސްކްރައިބްކުރެއެވެ. މި ކެމްޕޭނުގެ ދަށުން ގްރީން މީ ވެބްސައިޓުގައި އާޓިކަލްތަކާއި، ސޯޝަލް މީޑިއާ ޕޯސްޓްތަކާއި، ނިއުސްލެޓަރެއް، ބެނާއެއް، އަދި ރާއްޖެއަށް ޚާއްސަ ކެޓަގަރީއެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕޭނުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކުގައި ކުރިއަށް ގެންދާ ދެމެހެއްޓެނިވި ހަރަކާތްތައް ޚާއްސަގޮތެއްގައި ފާހަގަކުރާނެއެވެ. އޭގެ ތެރޭގައި މުރަކަ އާލާކުރުމުގެ މަޝްރޫޢުތަކާއި، ކަނޑުއަޑީގެ ތަފާތު ދިރުންތައް ހިމާޔަތްކުރުމާއި، ތިމާވެށްޓަށް ހޭލުންތެރިކުރުވުން ފަދަ މަޝްރޫއުތައް ހިމެނެއެވެ. ދެމެހެއްޓެނިވި ހަރަކާތްތަކަށް ޝައުގުވެރިވުމަކީ އިޓަލީގެ ދަތުރުވެރިންގެ މެދުގައި މަޝްހޫރުވަމުން އަންނަ ޓްރެންޑެކެވެ.

އެމް.އެމް.ޕީ.އާރު.ސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ދާއިރާއިން ކުރިއަރާފައިވާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުންކަމަށެވެ. އަދި މި ކެމްޕޭންގެ ސަބަބުން އެމް.އެމް.ޕީ.އާރު.ސީގެ މެމްބަރުންގެ ޕްރޮޕަޓީތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ ހަރަކާތްތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

މިދިޔަ އަހަރު 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާތަތްކޮށްފައެވެ. އޭގެ ތެރެއިން 27،332 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓަލީއިންނެވެ. އިޓަލީއަކީ ދިވެހިރާއްޖެއަށް ތާރީޚީގޮތުންވެސް މުހިންމު މާކެޓެކެވެ.

އިޓަލީއިން މި އަހަރު ރާއްޖެއަށް 50،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި މާކެޓުގައި ދިވެހިރާއްޖޭގެ ރީތި ނަން ދެމެހެއްޓުމަށާއި، މި މާކެޓުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީއިން ގިނަ ހަރަކާތްތަކެއް ހިންގަމުންދެއެވެ. އޭގެތެރޭގައި ލޯންލީ ޕްލެނެޓް، އަލްޕިޓޫރ، ސްޕޯޓިންގ ވަކަންޒޭ، ބްލޫވަކަންޒޭ އަދި މީޑިއާމަންޑާ ގުޅިގެން ކުރިއަށްގެންދާ މާކެޓިންގ ކެމްޕޭންތައް ހިމެނެއެވެ.