ދުނިޔޭގެ ވިޔަފާރި

އައިއެމްއެފްގެ އެހީ އަނެއްކާވެސް ކެންޔާއަށް


އިރުމަތީ އެފްރީކާގެ ޤައުމެއް ކަމަށްވާ ކެންޔާ އަށް 235.6 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ ދޭން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ނިންމައިފިއެވެ.

އައިއެމްއެފް އިން މި އެހީ ދޭން ނިންމީ މީގެކުރިން ކެންޔާއަށް ދީފައިހުރި ލޯނު އެހީތަކުގެ ބޭނުން އެ ޤައުމުން ރަނގަޅަށް ހިފުމުންނެވެ. ކެންޔާއިން ވަނީ އައިއެމްއެފް އިން ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލުވެ ޤައުމަށް ތަރައްޤީ ގެނަސްފައެވެ.

މި ލޯނު އެހީ ދޭން ނިންމުމުން އައިއެމްއެފްއިން ކެންޔާއަށް ދީފައިވާ ޖުމްލަ ލޯނު އެހީގެ އަދަދު 1.21 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. މިއީ މިދިޔަ އަހަރު އޭޕްރީލް މަހު 38 މަސް ދުވަހުގެ މުއްދަތަށް ދޭން ނިންމި 2.34 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން މިހާތަނަށް އައިއެމްއެފް އިން ކެންޔާއަށް ދިން ޖުމްލަ އަދަދު ކަމަށް އައިއެމްއެފްގެ ބަޔާނެއްގައިވެއެވެ. އަދި މި ފަހަރު ދިން ލޯނު އެހީ ދޭން ނިންމީ އެމީހުންގެ އެންމެ ފަހުގެ ރިވިއު ނިންމުމަށްފަހުއެވެ.

އައިއެމްއެފް އިން ނެރުނު ބަޔާނެއްގައި ވާގޮތުން ކެންޔާގެ އިޤްޠިޞާދީ ދުވެލި މިއަހަރު މިހާތަނަށް ވަނީ %5.7އަށް ހަލުއިވެފައެވެ. ނަމަވެސް މިދިޔަ ޖޫން މަހު %7.5އަށް މަތިވެފައިވާ އިންފްލޭޝަން އަހަރުގެ ކުރިއަށްއޮތް ތަނުގައިވެސް މަތިވަމުން ދާނެ ކަމަށް ލަފާކޮށްފައިވާ ކަމަށް އައިއެމްއެފް އިން ބުނެއެވެ.

އައިއެމްފްއިން ދިން އެހީގެ ބޭނުންކޮށްގެ ކެންޔާ ވަނީ 2021އިން 2022ގެ ފިޒިކަލް އަހަރުގައި ރަގަޅު ކުރިއެރުމެއް ހޯދާފައިކަމަށް އައިއެމްއެފް އިން ބުނެއެވެ. ފަންޑު ބޭނުންކުރިގޮތް އަދިވެސް އިތުރަށް ރިވިއު ކުރަމުންދާނެކަމަށް އައިއެފްއިން ބުނެއެވެ.