ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް މިފަހަރު ގެނައީ އިންޑިއާގެ މަޤްބޫލު ޓްރެވަލް އެޖެންޓުންގެ ޓީމެއް


އިންޑިއާގެ މަގުބޫލު ޓްރެވެލް އެޖެންޓުންގެ ޓީމެއް އެމްއެމްޕީއާރުސީގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރަކީ އިންޑިޔާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ދަތުރެކެވެ. މި ދަތުރު ކުރިއަށްދާނީ މިމަހުގެ 16 އިން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންޑިއާއިން ރާއްޖެ އައި ޓްރެވެލް އެޖެންޓުންގެ ޓީމުގައި ހިމެނެނީ އައި އެމް ޓްރެވެލް އެޖެންޓް، މޭކްމައިޓްރިޕް، ނިވާލިންކް، އެސްޕެން ވެކޭޝަންސް، އަދި ހޮލިޑޭ ކާމާގެ މެންބަރުންނެވެ. މި ދަތުރުގައި ރާއްޖޭގެ މެހެމާންދާރީއާއި، ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް, އަދި ރާއްޖެއިން ލިބޭ ކެއުންތައް ތަޖުރިބާކުރާނެއެވެ.

މި ފެމިލިއަލައިޒޭޝަން ދަތުރުގެ ބޭނުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ގޮންޖެހުމަށްފަހު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ކުރިއެރުމާއި، މަގުބޫލުކަން އިތުރުކުރުމާއި ފަތުރުވެރިންނަށް ރާއްޖޭއިން ލިބޭ ތަފާތު ތަޖުރިބާތަކާ މެދު އިންޑިޔާ މާކެޓުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

އެމްއެމްޕީއާރުސީން ބުނީ ފެމިލިއަރައިޒޭޝަން ދަތުރުތަކުން ހާސިލް ކުރަން ބޭނުންވާ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓްރެވަލް އޭޖެންޓުންނަށް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުންކަމަށެވެ. އަދި އެ ތަޖުރިބާތަކުގެ އަލީގައި ރާއްޖެއާ ބެހޭ ފުރިހަމަ މަޢުލޫމާތު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ދިނުމަށާއި ރާއްޖޭގެ ޕްރޮޑަކްޓްތައް މާކެޓްކޮށް ވިއްކަން ފަސޭހަކޮށްދިނުމެވެ.

މި ދަތުރުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިންތައް އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ. މި އަހަރު މިހާތަނަށް އެމްއެމްޕީއާރުސީއިން ވަނީ ޓޫހަބް އާއި އެކު ޑެސްޓިނޭޝަން އީ-ލާނިންގ ކެމްޕޭނެއް ބާއްވާ، އިންފްލުއެންސަރ ފެމިލިއަލައިޒޭޝަން ދަތުރަކާއި، ސެލެބްރިޓީ ފެމިލިއަލައިޒޭޝަން ދަތުރުތަކެއްވެސް ބާއްވާފައެވެ.

އިންޑިއާ މާކެޓަށް އަމާޒުކޮށް އޯޓީއެމް، ސާޓޭ، އަދި ޓީޓީއެފްގައި ވެސް މި އަހަރުއެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފައެވެ. އަދި ދިވެހިރާއްޖޭގެ ހާއްސަ ރޯޑްޝޯއެއްވެސް ވަނީ އިންޑިޔާގައި ބާއްވާފައެވެ. ތޯމަސް ކުކް، ޕިކްޔޯރޓްރެއިލް އަދި ވިސްޓާރާ އިންފްލައިޓް މެގަޒިނާއެކު ޖޮއިންޓް މާކެޓިންގ ކެމްޕޭންތައް މިހާރުވެސް އެމްއެމްޕީއާރުސީން ދަނީ ކުރިއަށްގެންދަމުންނެވެ. އަދި މި އަހަރުގެ ކުރިއަށް އޮތް ތަނުގައި މި މާކެޓަށް އަމާޒުކޮށްގެން އިތުރު ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 123،687 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.