ޔުއޭފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް އޭއިން ކްއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރި ދެވަނަ ޓީމަކަށް އޮސްޓްރިއާ ވެއްޖެއެވެ.
މިމުބާރާތުގެ ކްއާޓަރ ފައިނަލުން އޮސްޓްރިއާ ޖާގަހޯދީ މިމުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ ނޯވޭ ބަލިކުރުމަށްފަހުއެވެ މި މެޗު އޮސްޓްރިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ކްއާޓަރ ފައިނަލަށް ދާން ބޭނުންކަމަށްވާނަމަ ދެޓީމަށްވެސް މޮޅުވުން މަޖްބޫރު މިމެޗްގައި ނޯވޭއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އޮސްޓްރިއާއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އޮސްޓްރިއާއިން ވަނީ މޮޅު ކުޅުމެއް ދައްކާ ފައެވެ. އަދި މިގޮތުން މިހާފްގެ 37 ވަނަ މިނެޓްގައި އޮސްޓްރިއާއިން ވަނީ މިމެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ނިކޯލް ބިއްލާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވިކަން ފާހަގަ ކޮށްލެވެއެވެ.
މިކާމިޔާބީއާއެކު އޮސްޓްރިއާ ކްއާޓަރ ފައިނަލަށް ދިޔައީ ކުޅުނު ތިން މެޗްގެ ތެރެއިން ދެމެޗުން މޮޅުވެ ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައެވެ. އަދި ކްއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމް ޖަރުމަނުވިލާތާ އެވެ. އޮސްޓްރިއާ ވަނީ އެންމެ ފަހުން ބޭއްވި މުބާރާތުގައިވެސް ސެމިފައިނަލަށް ދަތުރުކޮށްފައެވެ. މިއާ ހިލާފަށް މިއީ ނޯވޭ ޔޫރޯގެ ފުރަތަމަ ބުރުން މުބާރާތަށް އަލްވަދާއު ޖެހިޖެހިގެން ކިޔަންޖެހުނު ދެވަނަ ފަހަރެވެ.