ޚަބަރު

އެމްޓީސީސީގެ ފްލީޓަށް އިތުރު ބާޖަކާއި ޓަގެއް ގެނެސްފި


އެމްޓީސީސީގެ ފްލީޓަށް އިތުރު ބާޖަކާއި ޓަގެއް ގެނެސްފިއެވެ.މިއަދު ހަވީރު ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިބާޖާއި ޓަގް އިފްތިތާޙުކޮށްދެއްވީ، ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒެވެ.މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމްޓީސީސީގެ މަޝްރޫއުތައް ހިންގާނެ ވަސީލަތްތައް ކުންފުނީގެ އަމިއްލަ ފައިސާ އިން އިތުރުކުރުމަކީ ގިނަ އަދަދެއްގެ މަޝްރޫއުތައް އެމްޓީސީސީ އިން ކުރިއަށް ގެންދަން މަސައްކަތް ކުރަމުން ގެންދާކަން އަންގައިދޭ ކަމެއް ކަމަށެވެ.މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވީ މިހާތަނަށް އެމްޓީސީސީން ކަންކަން ކުރަމުން ގެންދިޔައީ އުޅަނދު ފަހަރާއި ވަސީލަތްތައް ކުއްޔަށް ހިފައިގެން ކަމަށާއި، އެކަމުގެ ސަބަބުން މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ބޮޑުވާ ކަމަށެވެ. އަދި އެމްޓީސީސީއަކީ 2.6 ބިލިއަން ރުފިޔާގެ މަޝްރޫޢު، ދައުލަތުގެ ބަޖެޓުގެ ތެރެއިން މިހާރުވެސް ކުރިއަށް ގެންދާ ކުންފުންޏެއް ކަމަށާއި އޭގެ ތެރެއިން 2.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކަކީ ހައުސިންގ މިނިސްޓްރީން އެވޯޑްކޮށްފައިވާ މަޝްރޫޢުތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މި ރަސްމިއްޔާތުގައި އެކުންފުނީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ މިދިއަ އަހަރުން ފެށިގެން އެކުންފުނީގެ ފްލީޓް ބޮޑުކުރުމަށް މަސައްކަތްކުރަމުން އައީ އެކުންފުނިން ރާއްޖެތެރޭގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑު ހިލަ ރާއްޖެއިން ބޭރުން ގެނައުމަށާއި ރަށްރަށަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވުމުން ކަމަށެވެ. އަދި އެކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރުގެ ވީހާވެސް ގިނަ މަޝްރޫޢުތައް އެކުންފުނިން ކުރިއަށް ގެންދިއުމަށް ކަމަށާއި މިއީ ރާއްޖެއިން ބޭރަށް ވެސް ދަތުރުކުރާނެ ޓަގަކާއި ބާޖެއް ކަމަށެވެ.މިއަދު އިފްތިތާހް ކުރި ބާޖާއިއެކު މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރެވޭ 4 ބާޖާއި 4 ޓަގް އެމްޓީސީސީގައި އެބައޮތްކަމަށް އެކުންފުނިން ހާމަކުރެއެވެ.